ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތަރައްގީ ކުރަން ފެށި ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޯލިހްގެ ސަރުކާރުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތަރައްގީ ކުރަން ފަށާ އަހަރު ދުވަސް ތެރޭގައި މަސައްކަތުގެ ބޮޑު ބައި ނިންމާލެވިފައިވާ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ސިޔާސީ ބޭނުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެއްކޮށް ހުއްޓާލާފައިވާތީ އެކަމާ ނުހަނު ކަންބޮޑުވެ އެކަން ކުށްވެރި ކުރާ ކަމަށެވެ.
ދައުލަތުގެ ވަސީލަތްތައް އެއްވެސް ރޭވުންތެރިކަމެއް ނެތި ބޭނުން ކުރުމަށް ތަރައްގީ އަށް ހުރަސް އެޅޭ ގޮތަށް ބަދަލު ކުރަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިފަދަ ކަންކަން ނުކުރަން ސަރުކާރަށް ގޮވާލާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މަގޫދޫގައި ސޯލިހްގެ ސަރުކާރުން އެއާޕޯޓުގެ މަސައްކަތުގެ %70 ވަނީ ނިންމައިފަ އެވެ. މި އެއާޕޯޓްގެ ފަޔާ ބިލްޑިންގެ މަސައްކަތް ނިމި ޕެސެންޖަރު ޓާމިނަލަން ސްޓްރަކްޗާގެ މަސައްކަތް ވެސް ނިމިފައިވާއިރު، ފިނިޝިންގެ މަސައްކަތްވެސް ވާނީ މިދިޔަ ނޮވެމްބަރު 15 އާ ހަމައަށް ފަށާފައި އެމްޑީޕީން ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ މަގޫދޫ އެއާޕޯޓު މަސައްކަތް ކެންސަލްކޮށް ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމައި އަވަސް އަރުވާލައިގެން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް ފަށައިގަތީ ރައީސް މުއިއްޒުގެ ކޮއްކޯފުޅު އަދި ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ސައުދާ އަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކަމަށެވެ.
"މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް, ފާފުއަތޮޅާއި ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުންކަން ފާހަގަކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ. މިފަދަ ކަންކަމަކީ ދިވެހި ދައުލަތް ހިންގުމުގެ ތެރެއިން މިދިޔ 5 އަހަރު ފޮހެލެވިފައިވާ ކަންކަން އަލުން އިއާދަވުންކަން ހިތާމައާއެކު ފާހަގެކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެހެންވެ، އެމްޑީޕީގެ ބަޔާނުގައި ވަނީ މި ސަރުކާރުން ހުރިހާ އުސޫލުތަކާ ހިލާފަށް މަޝްރޫއުތައް ސިޔާސީ ބޭނުމަކަށް ބަދަލުކުރުން ވަގުތުން ހުއްޓާލުމަށާއި މަގޫދޫގެ އެއާޕޯޓު މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގައި މިފަދަ ތަރައްގީގެ މަޝްރޫއުތައް މިގޮތަށް ބަދަލުކުރުމާއި ހުއްޓާލުން ގާނޫނީ ގޮތުން މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ ގާނޫނީ ހައްލެއް މިޕާޓީން ހޯދައިދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމުގައި އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.