މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާންކުރުން އޮންނާނީ ރިޔާސީ ގަނޑުވަރު މުލިއާގޭގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އީދު ސަލާން ކުރެއްވުން އޮންނާނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް މުލިއާގޭގަ އެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުވާކަމަށެވެ.

މީގެ އިތުރުން އާއިލާތަކާ އެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވައެވެ.

އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށާއި މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ވަޑައިގެންކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.