ހަތަރު އަހަރަށްފަހު ގިނީގައި އެބޯލާ ޖެހިގެން ތިން މީހުން މަރުވުމާއެކު، އެ ގައުމުގައި އަނެއްކާ ވެސް އެބޯލާ އެޕިޑެމިކް އިއުލާނުކޮށްފި އެވެ.

މަރުވި ތިން މީހުން ހިމެނޭ ގޮތަށް، ނަރުހެއްގެ ޖަނާޒާއަށް ދިޔަ ހަތަރު މީހަކަށް ވަނީ ބޭރަށް ހިނގުމާއި ލެއާއެކު ހޮޑުލެވުން ފަދަ ކަންތައް ދިމާވެފަ އެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އާއި ގުޅިގެން އެ ބައްޔަށް ތައްޔާރުކޮށްފައިވާ ވެކްސިން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެންމެ ގަދައަށް އެބޯލާ ފެތުރުނު 2013 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދު ހުޅަނގު އެފްރިކާއިން، އެ ބަލީގައި 11،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ގިނީއިން ފެތުރިގެންދިޔަ މި ބަލީގެ އަސަރު އަވައްޓެރި ގައުމުތައް ކަމަށްވާ ލައިބިރިއާ އަދި ސިއެރާ ލިއޯންއަށް ވެސް ކޮށްފައިވެ އެވެ. އޭރު މި ބަލި ފެތުރެން ފެށުމާއެކު އެ ބައްޔާ ދެކޮޅަށް އެކި ވެކްސިންތައް އުފައްދާ ޓެސްޓްކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް ވެކްސިންތައް ބޭނުންކޮށްގެން ކޮންގޯގައި އެ ބަލި ކޮންޓްރޯލް ވެސް ކޮށްފައިވެ އެވެ.

"ޑަބްލިއުއެޗްއޯ އޮތީ އެލާޓްގައި. އެމީހުން ދަނީ ވީހާވެސް އަވަހަށް ވެކްސިންގެ ޑޯޒްތައް ތައްޔާރުކުރަން ވެކްސިން އުފައްދާ ފަރާތްތަކާ މަޝްވަރާކުރަމުން،" ގިނީގައި ހުންނަ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް، ޖޯޖް ކި-ޒާބޯ އާ ހަވާލާދީ އޭއެފްޕީ އިން ރިޕޯޓުކޮށްފައިވެ އެވެ.

އެންމެ ފުރަތަމަ އެބޯލާ ވެކްސިނެއް ޓެސްޓްކޮށްފައިވަނީ 2015 ވަނަ އަހަރު ގިނީގައި، ހަތަރު މަސްދުވަހަށެވެ. އޭގެ ފަހުން ފާއިތުވެދިޔަ އަހަރުތަކުގައި މި ބަލީގައި މީހުން މަރުވާ ރޭޓް ދަށްކުރުމަށް އެހީވެދޭ ބޭސް ވެސް ވަނީ އުފައްދާފަ އެވެ.