ރަށްރަށުގައި ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އެ މައްސަލަތަކަށް ވަރަށް އަވަހަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ. ރާއްޖޭގެ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައާ ގުޅޭގޮތުން "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ވ. ރަކީދޫ، މޫނިސާ ދާއޫދު ވަނީ ވަރަށް ގިނަ ރަށްރަށުގައި ކަރަންޓު ކެނޑޭކަން ފާހަގަކޮށް އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނިކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. އެގޮތުން ފެނަކަ އެތައް ސަތޭކަ މިލިއަން ރުފިޔާއަކުން ދަރަނިވެރިވުމުގެ އިތުރަށް އަތޮޅު ތެރޭގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައި ހުރި އާލާތްތައް ވަރަށް ބޮޑަށް ހަލާކުވެފައި ހުރިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފެނަކައިން ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ޖަނަރޭޓަރުތަކާއި އިތުރު އާލާތްތައް އެހައި ބޮޑަށް ހަލާކުވީ ކުރީގައި އެތަކެތި މަރާމާތުކޮށް ބެލެހެއްޓިފައި ނެތުމުން ކަމަށެވެ.

"މިހާރުވެސް ބައެއް ރަށްތަކަށް ޖެންސެޓުތައް ގެންގޮސް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވިފައިވަނީ. ފެނަކައިގެ ހާލަތު ރަނގަޅުކުމާއެކީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.

ފެނަކައިން ފޯރުކޯށްދޭ ހިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް މިހާރުކުރަމުންގެންދާއިރު، އައްޑޫ ސިޓީގެ ސެންޓްރަލް ޕަވާ ޕްލާންޓްގެ 1 މެގަވޮޓްގެ ޖެނެރޭޓަރަކަށް މައްސަލަ ޖެހިގެން މިދިޔަ މަހު އެ ރަށަށް ވަނީ އައު ޖަނެރޭޓަރެއް ގެންގޮސްފަ އެވެ. އަދި ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ވެސް 800 ކިލޯ ވޮޓުގެ ޖެނަރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ފަށާފަ އެވެ.