ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ފިތުރު އީދު ދުވަހު ހަވީރު 4:00 އިން 6:00 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މާލޭގައި އީދު ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާތީ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ފިތުރު އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެކުރިން ވެސް މިފަދަ މުނާސަބަތުތަކާ ދިމާކޮށް ހިނގާފައި އުޅޭ ވަގުތުތައް މާލޭގައި ކަނޑައަޅާފައިވެ އެވެ.

މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮން ފާހަގަކުރުމަށް ސިޓީ ކައުންސިލުން ރާވާފައިވާ އެހެން ބައެއް ހަރަކާތްތަކުގެ ތެރޭގައި އީދު ނަމާދަށްފަހު އެކުވެނި ޓްރެކްގައި ބާއްވާ އީދު ސައި ހިމެނެ އެވެ. އަދި މިހަރަކާތްތަކުގެ ތެރޭގައި ފެން ކުޅުމާއި ބޮޑުމަސް މާލި އީދު ޕެރޭޑްގެ އިތުރުން ސްޓޭޖް ޝޯވްއާއެކު ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މި އަހަރުގެ ފިތުރު އީދަށް ވާނީ އަންނަ ބުދަ ދުވަހެވެ. ރޯދަ މަސް ނިމެން ދެތިން ދުވަހަށް ވެފައިވާއިރު، މާލެ ސަރަހައްދު އީދަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.