މި އަހަރުގެ ފިތުރު އީދަށް ސިޓީތަކާއި ވެރި ރަށްތައް ދިއްލާލުމަށް ދައުލަތުގެ ބަޖެޓުން 42.19 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ރޫހު އާލާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގެ ރަށްތައް ފިތުރު އީދަށް ދިއްލާލުމަށް "އީދު އަލި" ހަރަކާތް ފެށީ ރޭ ޖުމްހޫރީ މައިދާނުގެ ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު އެވެ.

ކުޑަ އީދުގެ އުފާ ފާހަގަކުރުމަށް އެކި ކުލަކުލައިގެ ބޮކިފައްޗާއި ގިޑިގެތަކުން މާލެ އާއި އެހެން ސިޓީތަކާއި ހުރިހާ އަތޮޅެއްގެ ވެރިކަން ކުރާ ރަށް މިރޭ ވަނީ ދިއްލާލައިފަ އެވެ.

މި އަހަރުގެ ފިތުރު އީދަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ދިއްލާފައި ހުރި މާތަކެއް. ރާއްޖޭގެ ރަށްތައް މިފަހަރުގެ ފިތުރު އީދަށް ދިއްލާލުމަށް ސަރުކާރުން 42 މިލިއަން ރުފިޔާ ހަރަދުކުރި. ފޮޓޯ: މުހައްމަދު ޝަރުހާން | ހުރިހާ

ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު "ހުރިހާ"އަށް މިއަދު ވިދާޅުވީ މިފަހަރުގެ އީދަށް މާލެ އާއި އެހެން ރަށްތައް ދިއްލާލަން 42 މިލިއަން ރުފިޔާ ހަރަދުކުރީ ދައުލަތުގެ ބަޖެޓްގެ ތެރެއިން ކަމަށެވެ.

"މިއީ މިއަހަރުގެ ބަޖެޓްގައި ހިމަނައިގެ ކުރިޔަށް ގެންދިޔަ ކަމެއް. މިކަން ކުރިޔަށް ކުރިޔަށް ޓެންޑާގެ އުސޫލް އޮންނަ ގޮތަށް ސްޓެލްކޯއާ ހަވާލުކޮށްގެން،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ބޮކިފައްޗާއި ގިޑިގެތައް ހަރުކޮށް ކަރަންޓު ދިނީ ސްޓެލްކޯއިންނެވެ. އަދި އެހެން ރަށުގައި އެ މަސައްކަތް ކުރިޔަށް ގެންދިޔައީ ފެނަކައިންނެވެ.

އެ މިނިސްޓްރީން މި ހަރަކާތްތައް ބޭނުންވާ ތަކެތި ގަންނަން ހަރަދުކޮށްފައިވަނީ ލޯކަލްގަވަމަންޓު މިނިސްޓްރީގެ ބަޖެޓުން ނަމަވެސް، މިތަކެތި ދެން ބަހައްޓާނީ ރަށްރަށާއި ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށެވެ.