ދުނިޔޭގެ ހަތަރު ބިތަށް މުސްލިމުން ފެތުރިފައިވާއިރު އެކި ހިސާބުތަކުގައި މުސްލިމުންގެ އާދަކާދަތައް ވަރަށް ތަފާތެވެ. އެގޮތުން މިއަދު ފާހަގަކުރާ ފިތުރު އީދު ފާހަގަ ކުރުމުގައި ވެސް ދުނިޔޭގެ އެކި ގައުމުތަކުން ގިނަ ތަފާތުތައް ފެނެ އެވެ.

ތުރުކީ

އާބާދީގެ 98 ޕަސެންޓް މުސްލިމް ތުރުކީގެ މުސްލިމުން ފިތުރު އީދު ފާހަގަ ކުރުމުގައި އާއިލާއާއެކު ވަގުތު ހޭދަކުރަން އިސްކަންދެ އެވެ. އެގޮތުން ދުރުގައި ތިބި އާއިލާގެ މެމްބަރުންނަށް ޒިޔާރަތް ކުރުމަކީ އީދުގެ ސަގާފަތެކެވެ.

އެއާއެކު ތުރުކީގެ ގިނަ މުސްލިމުން އެގައުމުގެ އައްސޭރިފަށަށް ގޮސް މޫދަށް އެރުމާއި މަސް ބޭނުން ފަދަ ހަރަކާތްތަކުގައި ޝާމިލުވެ އުޅެ އެވެ.

ސިންގަޕޫރު

އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ބެލެވޭ ސިންގަޕޫރުގެ އީދު ކުޅިވަރުތައް ފެށިގެން އަންނަނީ ގޭލެންގް ސަރައި ސަރަހައްދުގައި އީދު ވިލޭރޭ ދިއްލާލެވޭ ބޮކިތަކުންނެވެ.

އެއާއެކު އެ ސަރަހައްދުގެ ލައިޓް ފެސްޓިވަލްއެއް ބޭއްވި އީދުގެ ކުލަގަދަ ހަރަކާތްތައް ފެށެ އެވެ. މި ހަރަކާތްތަކުގައި ކުދިބޮޑު އެންމެން ބައިވެރިވެ އެވެ.

އައިސްލެންޑް

ރަމަޟާން މަހު ދުވާލަކު 22 ގަޑިއިރު ރޯދައަށް ހުންނަން ޖެހޭ އައިސްލެންޑުގައި އީދު ފާހަގަ ކުރެވެނީ ވަރަށް ތަފާތުކޮށެވެ.

އެގޮތުން ވެރިރަށް ރޭކްޖަވިކްގެ މިސްކިތްތަކުގައި އީދު ނަމާދަށްފަހު އީދުގެ ބުފޭ ފެށެ އެވެ. މި ބުފޭ އިން ކެއުމަށް މުސްލިމުންގެ ގިނަ ބަޔަކު ޖަމާވެ އެކުވެރިކަން އާލާ ކުރެ އެވެ.

ނިއުޒިލެންޑް

އާދައިގެ މަތިން ނިއުޒިލެންޑްގައި ވެސް ފިތުރު އީދުގެ ހަރަކާތްތައް ފެށެނީ އީދު ނަމާދާއެކުގަ އެވެ. އެއާއެކު އީދަށް ހާއްސަ ފެސްޓިވަލެއް ފެށެ އެވެ.

އޯކްލޭންޑްގެ އެޑެން ޕާކުގައި އޮންނަ އެއްދުވަހުގެ މި ހަރަކާތުގައި ކާނިވަލް ސްޓައިލްގެ ގިނަ ހަރަކާތްތައް ހުންނައިރު އާއިލާ އެއްކޮށް ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ.