ނ. ހޮޅުދޫ ބާއްވާ އީދު ސަޔަކީ ވަރަށް ފޯރިގަދަކޮށް އެރަށުގައި އެކި ވިލި (އަވަށް)ތަކަށް ބަހާލައިގެން ބޭއްވޭ އީދު ސައެކެވެ.

އެހެން އަހަރުގެ ފިތުރު އީދުތަކެކޭ އެއްފަދައިން މިފަހަރުގެ ފިތުރު އީދުގައި ވެސް "ބޭސް" ޖަމިއްޔާއިން އަންނަނީ އެސަޔަށް ތައްޔާރު ވަމުންނެވެ.

އެރަށުން "ހުރިހާ"އާ ވާހަކަދެއްކި އެރަށު ސުންދުސީގެ އައިޝަތު އިފާޝާ ބުނިގޮތުގައި މި އީދު ސައި އޮންނާނީ އީދު ނަމާދަށްފަހު އެރަށު މޭނާ ސްކޫލުގަ އެވެ. އެންމެން އެއްތަނަކުން ބައްދަލުވެ، އީދުގެ އުފާ ފާހަގަކުރުމުގެ މަގުސަދުގަ ބައްވާ މި ސައިގައި އެރަށުގެ ކުދި ބޮޑު އެންމެނަށް ބައިވެރި ވެވޭނެ ކަމަށް އޭނާ ބުންޏެވެ.

"މިސައިގައި ކާން ބޭނުންކުރާ އެއްޗެހި ގެންނާނީ މިރަށުގެ ހަ ވިލީގެ(އަވަށް) ގެ ރައްޔިތުން. ސައި ފަށާނީ އީދު ނަމާދުން އައިސް،" އިފާޝާ ކިޔައިދިނެވެ.

ވެލިދޫގައި ބަޔަކު އީދު ދުވަހު ހެނދުނު ސައިބޮނީ

"ބޭސް" ޖަމިއްޔާއިން ސައިގެ ކަންތައް ހަމަޖައްސާއިރު "ބަފާ" ޖަމިއްޔާއިން ދަނީ އެދުވަހުގެ ރޭގަނޑު އޮންނަ އަންހެނުންގެ ދުވުމުގެ ރޭހަށް ތައްޔާރު ވަމުންނެވެ. އަގުބޮޑެތި އިނާމު ހުށަހެޅިފައިވާ މި އިވެންޓުގައި 16 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ވެސް ބައިވެރިވެވޭނެ އެވެ.

މި ރޭސް އޮންނާނީ ފިތުރު އީދު ދުވަހުގެ ހަވީރެވެ. މީގެ އިތުރުން އެދުވަހުގެ ހަވީރު ޒުވާނުންގެ މެދުގައި ފުޓުބޯޅަ މެޗުތަކެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.