ޕީއެންއެފް އުފެއްދުމަަށް ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ކަންކަން ކޮންޓްރޯލް ކުރަން އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެ މަނިކުފާނުގެ އިރުޝާދާ ހިލާފަށް ކަމަށާއި އެކަން ހިނގި ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެ ހަމަނުޖެހުން ހިނގީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލްގެ ހޯލްގައި ބޭއްވުމުގެ ހުއްދަ އެ ސްކޫލުން ކުރިން ދީފައި އޮތަސް ލޮޖިސްޓިކް ސަބަބުތަކާ ހެދި އިއްޔެގެ މެންދުރުފަހު އެ އެއްބަސްވުން ކުއްލިއަކަށް ބާތިލް ކޮށް، އެ ޖަލްސާ ހަމަ އެ ހޯލުގައި ރޭ ބާއްވަން އެ ޕާޓީން މަސައްކަތް ކުރުމުންނެވެ.

ޕީއެންއެފް އިން ބުނަނީ އެ އެއްބަސްވުން ބާތިލުކުރީ ސަރުކާރުގެ އެންމެ އިސްވެރިންގެ ލަފާގެ މަތިން އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް ޕްރެޝާކޮށްގެން ކަމަށެވެ.

އެހެންވެ، ފުލުހުން އެކަން ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމުގެ ތެރޭގައި ޕީއެންއެފްގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައި ދެ ފަރާތުން ވެސް ބައެއް މީހުންނަށް އަނިޔާވި އެވެ.

މުލިއާގޭގައި މިއަދު ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން ނިންމަވާލެއްވުމަށްފަހު ދައުވަތު ދިން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވިދާޅުވީ، އެސްއޯ ފުލުހުން އެފަދަ ތަންތަނަށް ނުނެރެން ވަރަށް ސާފުކޮށް ކުރިން އަންގަވާފައިވާނެ ކަމަށެވެ. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އެ ވާހަކަ ކުރިން ދަންނަވައި އަދި ފުލުހުންނާ އެކު ވަރަށް ފަހުން ބޭއްވެވި ބައްދަލުވުމެއްގައި ވެސް އެ އިންސްޓްރަކްޝަން ދެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެކަމާ ހެދި ހަގީގަތުގައި ވެސް މި ހުރީ ކަންބޮޑުވެފައި، ރޭގައި އަޅުގަނޑަށް ނުވެސް ނިދުނު. އަދި މިހުރީ ނުނިދާ އެކަމާ ވިސްނާ ވިސްނާ. އަޅުގަނޑަށް މި ރިޕޯޓް ލިބި، މި ކަމުގެ އަޑިއަށް ދެވި، މިކަން ހައްލު ވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑަށް ނިންޖެއް ލިބޭނެހެންނެއް،" ރައީސް ވިދާޅުވި އެވެ.

އެކަމާ ހެދި ހަގީގަތުގައި ވެސް މި ހުރީ ކަންބޮޑުވެފައި، ރޭގައި އަޅުގަނޑަށް ނުވެސް ނިދުނު. އަދި މިހުރީ ނުނިދާ އެކަމާ ވިސްނާ ވިސްނާ. އަޅުގަނޑަށް މި ރިޕޯޓް ލިބި، މި ކަމުގެ އަޑިއަށް ދެވި، މިކަން ހައްލު ވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑަށް ނިންޖެއް ލިބޭނެހެންނެއް،
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބިގެން ކުރި މުޒާހަރާގައި ބައެއް ތަކެތި ހަލާކުކޮށްލާނެކަމުގެ ބިރު އޮތްއިރުވެސް އެސްއޯ ފުލުހުން ނުފޮނުވާ މަޑުކުރެއްވި ކަމަށެވެ.

"އެހެން އޮއްވާ ރޭގައި މިފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ވަރަށް ކްލިއާ އިންސްޓަރަކްޝަން ދީފައި އޮންނާނީ އެއްގޮތަކަށް ވެސް ނުވާނޭ އެސްއޯ ފުލުހުން ފޮނުވައިގެނެއް. ފޮނުވަން ޖެހިއްޖާ އަޅުގަނޑަށް އެނގޭނޭ މި ގައުމުގަ އެ ހިސާބަށް ދިޔާމަ. އަޅުގަނޑު ދަންނަވާނަމޭ އެކަން ކުރަންޖެހިއްޖެއްޔާ. އެއީ ބައެއްގެ މުދަލަށް ގެއްލުންދީ ތަނެއްގައި ރޯކޮށް މީހުންނަށް އަނިޔާކޮށް މިކަހަލަ ކަންތައްތައް ނޫނީ މުގައްދަސް ތަނަކަށް ނޫނީ މިސްކިތަށް ގެއްލުންދިން. އެނގޭނެ އެންމެނަށް. އިރާދަކުރެއްވިއްޔާ ނުވެސްދާނެ އެހިސާބަށް،" ރައީސް ވިދާޅުވި އެވެ.

އެހާ ސާފުކޮށް ރައީސް އަންގަވާފައިވަނިކޮށް ހިނގާ ދިޔަ ކަންކަމާއި ގުޅިގެން ވަގުތުން އެކަމަށް އެޓެންޑުވި ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ވަގުތުން ހޯމް މިނިސްޓަރަށާއި، ކޮމިޝަނަ އޮފް ޕޮލިސްއަށް ގުޅުއްވައި ކަން ހިނގައިދިޔަ ގޮތް ސާފުކުރެއްވި ކަމަށެވެ. ސިޔާސީ އެއްވެސް ކަމަކަށް ހުރަސް އަޅުއްވައިގެން ނުވާނެކަމަށް އަންގާފައިވަނިކޮށް މިކަން ހިނގުމުން، މިކަމުގެ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ކީއްވެހޭ މިކަން މިހެން މި ހިނގީ. އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަން ދީފައި އޮތްކަމެކޭ. އަޅުގަނޑު ބޭނުމޭ މިކަން އިންވެސްޓިގޭޓްކުރެވެން. ކާކު ކޮންގޮތަކަށް ދިން އިންސްޓްރަކްޝަނެއްތޯ ކިހިނެއް ހިނގި ކަމެއްތޯ. ހޯމް މިނިސްޓަރަށް ވެސް އަޅުގަނޑު ވާނީ ދަންނަވާފައި މިރޭ އިރުއޮއްސެންވާއިރަށް އަޅުގަނޑަށް ލިބެންޖެހޭނޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް. އެއީ އަޅުގަނޑު ޓޮލެރޭޓްކުރާނެ ކަމެއް ނޫން. އަޅުގަނޑުގެ ސިޔާސަތު، ރައްޔިތުންނަށް ވީ ވައުދު. އަޅުގަނޑު ބޭނުމެއް ނޫން ކުރީގެ ކަންތައްތައް މިތާގައި ތަކުރާރުވާކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕީއެންއެފްގެ ބޭފުޅުންނަށް އެ ޖަލްސާ ބޭއްވުމަށް ފަހިކުރެވެން އޮތް ކޮންމެ ކަމެއް ކުރެއްވުމަށް އެންގެވި ކަމަށެވެ.

"އަޅުގަނޑު ދެންނެވި ސްޕޯޓްސް މިނިސްޓަރު ރާފިއުއަށް ގުޅާފައި މިހާރުން މިހާރަށް ރާފިއު ގުޅުއްވާށޭ ޕީއެންއެފްގެ އިސްވެރިންނަށް. ގުޅުއްވާފަ ދަންނަވާށޭ މިހާރު ވެސް ހަމަ ބޭނުމިއްޔާ ސޯޝަލް ސެންޓަރު ލިބޭގޮތަށޭ. އެތަން ދެއްވާށޭ. ހިލޭ ދެއްވާށޭ ލާރި ވެސް ނުނަގާ،" ރައީސް ވިދާޅުވި އެވެ.

މިއާއެކު މިނިސްޓަރު ރާފިއު ޕީއެންއެފްގެ އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް ގުޅުއްވައި އެތަން ލިބޭނެކަން ދެންނެވި ކަމަށާއި އޭރު ޕީއެންއެފް ތައްޔާރުވީ ރާޅުގަނޑު ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އެއްވެސް ގޮތަކަށް އެސްއޯ ފުލުހެއް ވެސް އަދި ނޯމަލް ފުލުހެއް ވެސް ފޮނުވައިގެން ނުވާނޭ. އެބޭފުޅުން ރާޅުގަނޑު ސަރަހައްދުގައި އެ ހިސާބުގައި ވެސް ފެނިގެން ނުވާނޭ. އަޅުގަނޑު ވަރަށް ދެކޮޅު ކަމެއްމީ. އަޅުގަނޑު ބޭނުމެއް ނޫން ކުރީގަ ހިނގިގޮތަށް ރާއްޖޭގަ ކަންކަން ހިނގާކަށެއް. އެހެންވީމަ އެއީ އެކަން ދިޔަ ގޮތަކީ، " ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޕީއެންއެފްގެ ވަގުތީ ސެނެޓް މެމްބަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ޕީއެންއެފް ރަޖިސްޓްރީ ކުރުމަށް ސަރުކާރުން ހުރަސް އެޅުމަށްފަހު އެކަން ދިފާއު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބުހުތާނު ދޮގުތަކެއް ހައްދަވަމުން ކަމަށެވެ.

ފުލުހުން ޖަލްސާއަށް ހުރަސްއެޅީ އެމަނިކުފާނުގެެ އަމުރާ ކަނޑައެޅިގެން ހިލާފަށް ކަމަށް ރައީސް ވިދާޅުވުމުން، ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑައެޅިގެން ޑެމޭޖް ކޮންޓްރޯލް ކުރެވޭތޯ ރައީސް މުއިއްޒު ބުހުތާނު ދޮގުތަކެއް ހައްދަވަމުންދާ ކަމަށާއި ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން ކަމަށެވެ.

ޖަމީލް ތުހުމަތު ކުރައްވާ ގޮތުގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ހުއްޓުވަން ސަރުކާރުން ކުރި ކަންތައްތައް:

  • ސްޓެލްކޯއިން ޖަލްސާއަށް ކަރަންޓު ނުދިނުން
  • އެޑިއުކޭޝަނުން ގިޔާސުއްދީން ސްކޫލަށް ބިރު ދައްކައި އިންޒާރު ދިނުން އަދި އެކަންތައް މުޅި ދުވަހު ތަކުރާރު ކުރަމުން ދިޔުން.
  • އިލެކްޝަންސް އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ފުލުހުން އިއްޔެއިން ފެށިގެން ޕީއެންއެފްއަށް ތަކުރާރުކޮށް ބިރުދެއްކުން
  • ކޭޓަރިން ހެދި ފަރާތް ހޯދައި ކެންސަލް ކުރެވޭތޯ މަސައްކަތް ކުރުން
  • ފުލުހުން ގިޔާސުއްދީނަށް ވަންނަން ގާނޫނީ ހުއްޖަތެއް ނެތް އިރު، ސާފުކޮށް ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެއްވުން ހުއްޓުވަން އަންގާފައި އޮތުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއާ ގުޅިގެން ރައީސް މުއިއްޒު ވާހަކަ ދައްކަވަން މަޖްބޫރުވީ ރައްޔިތުން އަދި މުޅި ރާއްޖޭގެ ސިޔާސީ ވެރިންގެ ނުރުހުން އޮތް މިންވަރު ފެނިގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް އޮޅުވާލެވޭތޯ ބަލަން ތި ދައްކާ ވާހަކަ ޕީއެންއެފްގެ އެއްވެސް މެމްބަރަކު ގަބޫލެއް ނުކުރާނެ. މަނިކުފާނު މަލަކަލް މައުތަށްވެސް ދޮގުހަދަންކަމަށްތޯ ރާވައިގެން ތިހުންނެވީ؟،" ޖަމީލް ވިދާޅުވި އެވެ.