ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށްގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ބޭއްވި ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލޭ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލޭގައި މި އިވެންޓްގައި ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން އެހެނިހެން އަހަރުތަކެކޭ ވެސް އެއްފަދައިން ދިރާގުންވަނީ ކުޑަ ކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކް ވެސް އީދު ނަމާދަށް ފަހު ބަހާފައިވާ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ވެސް ދިރާގުން މި ހަރަކާތް ކުރިއަށްގެންދިޔަ އެވެ. އެއީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެތި އެވެ.

ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ މިއަހަރު ދިރާގުން ކުރިއަށްގެންދިޔަ ފިތުރު އީދުގެ ހަރަކާތްތަކުގައި އެހާ ގިނަ ފަރާތްތަކުން ބައިވެރިވެ، އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މިއަދުގެ އީދު ނަމާދަށްފަހު ދިރާގުން އީދު ބޯކިބާ ހަދިޔާ ބަހަނީ. ފޮޓޯ: ދިރާގު

"ހެޔޮ ހިތުން މުޖުތަމައުގެ އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް އާލާކުރުމަކީ ދިރާގުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް،" ނާޔާ ވިދާޅުވި އެވެ.

މި ހަރަކާތްތަކުގެ އިތުރުން ދިރާގަކީ މިއަދު މާލޭގައި ސާދާ ތިރީސް އަށެއް ގްރޫޕު އިންތިޒާމްކޮށްގެން ކުރިއަށްދާ ފިތުރު އީދު ހަރަކާތުގެ ޕާޓްނަރެއް ވެސް މެ އެވެ. މި ހަރަކާތުގައި އީދުގެ ސަގާފީ ކުޅިވަރުތައް ކަމަށްވާ ފެން ކުޅުން، ބޮޑު މަސް އަދި މާލި ޕެރޭޑް ކުރިއަށް ގެންދިޔަ އެވެ. އަދި މީގެ އިތުރުން އީދު މިއުޒިކް ޝޯއަކާއި ހަވާއެރުވުން ވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.