ޗައިންނާއިން ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ލ. މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާއާއެކު 720 މިލިއަން ޑޮލަރުގެ ވިޔަފާރި އަދި އިންޑިއާއާއެކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރާ ކަމަށެވެ. އަދި އަމާޒުހުރީ ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ އެކި ގައުމުތަކުން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުންކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ. އެގޮތުން ސައީދު ވިދާޅުވީ ވަރަށް އަވަހަށް ޗައިނާގެ ޔުއާންއިން އިމްޕޯޓްކުރާ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

"ޗައިނާ ސަރުކާރުން މިހާރު އަޅުގަނޑުމެން ވާނީ ރައީސްގެ އެޑްވައިޒަރާއާއެކު ޗައިނާގެ ސެންޓްރަލް ބޭންކް ގަވާނައަށް ރާއްޖެއަށް ދައުވަތު ދީފައި. މިއަދު މި ދަތުރުގައި އައިއިރު އޭގެ ޖަވާބު ވެސް އެބައޮތް ލިބިފައި. އަޅުގަނޑުމެން ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި އިރާދަކުރެއްވިއްޔާ ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމުގައި ވިއަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ އިރާދަކުރެއްވިއްޔާ،" މިނިސްޓަރު ވިދާޅުވި އެވެ.

"ހަމައެގޮތަށް އިންޑިއާއިން ގެންނަ އެއްޗެހި ވެސް އަޅުގަނޑުމެންގެ އަމާޒު ހުރީ އިރާދަކުރެއްވިއްޔާ ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދަން."

މިޖަލްސާގައި މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އަމާޒު ހުރީ ދުނިޔޭގެ މަޝްހޫރު ހުރިހާ އީ- ވޮލެޓެއް ރާއްޖެ ގެންނަން ކަމަށެވެ. އޭގެ ތެރޭގައި ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއޭ، ސިންގަޕޫރު، މެލޭޝިއާ، އިންޑިއާ، ޔޫއޭއީ ފަދަ ގައުމުތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.