އެމްޑީޕީގެ މެޖޯރިޓީ އޮވެ، މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުދިނީ ކޮން ކަމެއްގަތޯ ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީން މިރޭ އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ސަރުކާރުން ބޭނުންވި ގޮތަށް މަޖިލީހުގެ ތެރެއިން ކަންކަން ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކޮށްދީފައިވާއިރު، ތިން ވަޒީރަކު ފިޔަވައި އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ވެސް އެމަނިކުފާނު އެދިވަޑައިގަތް ގޮތަށް ބާއްވާދީފައިވާ ކަމަށެވެ. އަދި ރިޔާސީ ބަޔާން އިއްވި ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކުރިޔަސް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދޭންޖެހޭ އެއްބާރުލުން އޭނާ ދީފައިވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އެކަންކަން އެހެން ހުރުމުން މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދިނީ ކޮންކަމެއްގަތޯ އަސްލަމް ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު އެހެންވީމާ ދަންނަވާނީ ކޮންކަމެއް ނުކޮށްދީގެންތޯ އެވާހަކަ ތިދައްކަވަނީ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާނީ 130 ގާނޫނު ފާސްކޮށްދީފައި،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފުރިހަމަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކުގެ 30 އިންސައްތަ ގާނޫނު ފާސްކޮށްފައިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކަމަށެވެ.

"ގާނޫނު ތަކަށް ގެނައި އިސްލާހާއި ގާނޫނުތަކާއެކު އަޅުގަނޑުމެންގެ ވެރިކަމުގައި އޮންނާނެ ފާސްކޮށްފައި 130 ގާނޫނު. ޖުމްލަ 466 ގާނޫނު އޮންނާނެ ވުޖޫދުކޮށްފައި އޭގެތެރެއިން 130 ގާނޫނަކީ އެމްޑީޕީގެ 19 ވަނަ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް. އޭގެ އިތުރަށް ވެސް 7 ބިލެއް ސަރުކާރުން އަނބުރާ ގެންގޮއްސި. އޭގެ އިތުރުން ކޮމިޓީ މަރުހަލާގައި ހުރި ބިލުތައް ސަރުކާރުން އަނބުރާ ނުގެންދެވޭ ބިލު އެބަހުރި. ހުރިހާ ކަމެއް އަނބުރާ ނަންގަވަން ބޭނުންވޭ. ނަންގަވާފައި ވެސް އަވަހަށް ފޮނުވަނީ އެއް ނޫން. ރައްޔިތުންނަށް ބޭނުންވެފައި ހުރި މުހިންމު ބިލުތައް ހުރީ. ދެން އެބޭފުޅުން ވިދާޅުވަނީ ގާނޫނެއް ފާހެއް ނުކުރެއޭ. ކޮންކަމެއް ނުވެގެންތޯ ތިއުޅެނީ،" އަސްލަމް ވިދާޅުވި އެވެ.