ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އެންމެ އުއްމީދީ އެއް ފިލްމު ކަމަށްވާ "ލަސްވިޔަސް" ރޭ އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި އެވެ.

މި ފިލްމު ޕްރިމިއާ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރެޑްކާޕެޓް އިވެންޓުގައި ފިލްމުގެ ކާސްޓާއި ކްރޫގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ބައިވެރިވި އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ލަސްވިޔަސް" އަކީ 1994 ގެ "ދެރިޔާ" އަށް ފަހު ޓެޑްރީ ޑައިރެކްޓްކޮށް، ބެލުންތެރިންނަށް ގެނެސް ދެވަނަ ފިލްމެވެ.

ލޯތްބާއި، ހިތާމައިގެ އިތުރުން ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކަށް ފިލްމުގައި ފެނިގެން ގޮސްފައިވާއިރު މިފިލްމުގެ ލީޑު ރޯލު ފެނިގެން ގޮސްފައިވަނީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމް އިތުރުން ވާޝިޔާ މުހައްމަދާއި އަހުމަދު އީސާ (އާނަންދު) އެވެ. އަދި ފިލްމުގެ ސަޕޯޓިން ކާސްޓުގައި ގިނަ އެކްޓަރުންތަކެއް ހިމެނެ އެވެ.

ކުރީގެ ތަރި ފައުޒިއްޔާ އާއީ ރީކޯ މޫސާ މަނިކު ވެސް ހާއްސަ ފެނިލުމަކުން ފެންނަ މި ފިލްމުގެ ޝޯތައް އަންނަ ޖޫން މަހުގެ ނިޔަލަށް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ނިންމައިފަ އެވެ.

ލަސްވިޔަސްގެ ޕްރިމިއާ ޝޯ ރޭ ބެލި ގިނަ ބަޔަކު ވަނީ މި ފިލްމުގެ މަސައްކަތްތައް ފުރިހަމަކަން ސޯޝަލްމީޑިއާގައި ފާހަގަކޮށް ޓެޑްރީއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

https://www.youtube.com/watch?v=NHXUl-bDXR0&embeds_referring_euri=https%3A%2F%2Fhurihaa.mv%2F&source_ve_path=OTY3MTQ&feature=emb_imp_woyt

ކެންސަރު ޖެހިފައިވާ ކުޑަ އަންހެން ކުއްޖެއްގެ ހަޔާތުގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ ލަސްވިޔަސް އަކީ މިއަހަރު އޮލިމްޕަހުގައި ޕްރިމިއާ ކުރި ފަސްވަނަ ފިލްމެވެ. އެންމެ ފަހުން އެތަނުގައި ދެއްކީ މިދިޔަ މަހު ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އެވެ.