ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ހުންނެވީ "ފުއްގަނޑެއް" މޮޑޭހެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިސޯރުކޮށްގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އަސްލަމް ވިދާޅުވީ ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމެއް ނުބޭއްވި މިހާ ދިގުލައިގެން ދިއުމުން މި ސަރުކާރުން އެ މައްސަލައިގެ ތެރެއަށް އަތްބާނައި، ނުފޫޒު ފޯރުވަމުންދާކަން ހާމަވާ ކަމަށެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ޝިޔާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްލަމް އޭރުވެސް މިހާރުވެސް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިސޯރުކޮށްގެން ކޯޓުތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ.

އަދި އޭޕްރީލް 21 ވަނަ ދުވަހު އެކަން ނިމުމަކަށް އަންނާނެ ކަމުގައި ޝިޔާމް ވިދާޅުވި އެވެ.

އަސްލަމް ވަނީ ރައީސް ޔާމީންގެ އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން މިދިޔަ އަންގާރަ ދުވަހު ރޭ ބޭއްވި ޖަލްސާއަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅާފައިވާކަން ފާހަގަކުރައްވާ އެކަން ކުށްވެރިކުރައްވާފަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ޔާމީންއަށް ލުއި ދީ، ގެއަށް ބަދަލުކުރީ ކުރީ ސަރުކާރަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ގޮތް ހުސްވުމުންނެވެ. މި ސަރުކާރުން ރައީސް ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.