ސިންގަޕޫރު (އެޕްރީލް 15) - އަންނަ މަހު 15 ގައި ސިންގަޕޫރުގައި އާ ބޮޑުވަޒީރަކު މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

ވިހި އަހަރަށް ފަހު ސިންގަޕޫރަށް އާ ބޮޑުވަޒީރެއް މި ލިބެނީ މިހާރުގެ ބޮޑުވަޒީރު ލީ ސިއެން ހޫން މެއި 15 ވަނަ ދުވަހު އިސްތިއުފާ ދެއއްވުމަށް ނިންމުމާ ގުޅިގެންނެވެ. އާ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވަނީ މިހާރުގެ ބޮޑުވަޒީރުގެ ނައިބު އަދި ފިނޭންސް މިނިސްޓަރު ލޯރެންސް ވޮން އެވެ.

ލީ ސިއެން ލޫން ގެންދަވަނީ 2004 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ވެރިކަން ކުރައްވަމުންނެވެ.

ބޮޑުވަޒީރުގެ މަގާމަށް 51 އަހަރުގެ ލޯރެންސް ނޮމިނޭޓް ކުރެއްވީ ލީ ސިއެން އެވެ. ލޯރެންސް ވޮން އަށް ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) ގެ ޕާލަމެންޓް މެންބަރުންގެ ތާއީދު ވެސް ވަނީ ލިބިފަ އެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ބަދަލު މި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުގައި އާއްމު އިންތިޚާބު ވެސް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. މަގާމުން އިސްތިއުފާ ދެއްވާނެކަން ލީ ސިއެން، 72، އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ އަހަރު އެވެ.

ލޯރެންސް ވޮން ހިމެނިގެން ދާނީ ސިންގަޕޫރުގެ ހަތަރު ވަނަ ބޮޑުވަޒީރުގެ ގޮތުގަ އެވެ. ލީ ސިއެންގެ ކުރިން ސިންގަޕޫރުގައި ބޮޑުވަޒީރުކަން ކުރެއްވީ ގޯ ޗޮކް ޓޮން އަދި އެ ގައުމުގެ ފައުންޑިން ލީޑަރު ލީ ކުއާން ޔޫ އެވެ.

ލީގެ ޒައާމަތުގައި ސިންގަޕޫރަށް ވަނީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްފަ އެވެ. އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ވަނީ 92،000 ޑޮލަރަށް މަތިކޮށްފަ އެވެ. މިއީ ދުނިޔޭގަ ވެސް އެންމެ މަތީ ރޭޓެވެ.

ލީގެ ބައްޕާފުޅު ލީ ކުއާން ޔޫ ވަނީ 1959 އިން 1990 އަށް ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.