އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ.

އާދިއްތަ ދުވަހު ބާއްވާ އިންތިހާބަށް ޕްރިންޓްކުރި ވޯޓު ކަރުދާހުގެ އަދަދު އާންމުކޮށްފައިވާއިރު އިންތިހާބަށް ޗާޕުކުރާ ވޯޓު ކަރުދާހުގެ އަދަދު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އާންމު ކުރަން ޖެހެ އެވެ.

އީސީއިން ވަނީ މި އިންތިހާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާހާއި އެހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފަ އެވެ.

މި އިންތިހާބުގައި ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

މަޖިލިސް އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.