ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެމަނިކުފާނަށް އެންމެ ހިތްދަތިކަން ގެނުވި ވަގުތުކޮޅު ރޭ ކިޔައިދެއްވައިފި އެވެ.
ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާއިން ސަލާމަތްވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން އެރަށު ދޫނޑިގަމު އަވަށުގައި ބޭއްވި އެމަނިކުފާނުގެ ޕާޓީގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޖަލުގައި ތަފާތު ތަޖްރިބާތައް ކުރައްވަން ޖެހިވަޑައިގަތް ކަމަށެވެ.
ޖަގަހަ ޖަލްސާއެއްގައި ރައީސް ޔާމީންއާ ސުވާލުކުރަން ހުޅުވާލި ފުރުސަތެއްގައި އަންހެނަކު ވަނީ ރައީސް ޔާމީން ޖަލުގައި އެންމެ ހިތްދަތި އިހުސާސެއް ކުރެވުނު ވަގުތަކީ ކޮބައިތޯ އަހައިފަ އެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އާއިލާއާ ވަކިވެ، ލޯބިވާ ކާފަ ދަރިންކޮޅަކާ ވަކިވެ އަދި އަމްދުން ސިޔާސީ މަސައްކަތާ ދުރުވެ އެއްވެސް މީހަކާ ވާހަކަ ނުދައްކާ އެތައް ދުވަހަކު، 1250 ދުވަހު، ހޭދަކުރި އިރު އޭގެ ތެރެއިން ރައީސް ޔާމީންގެ ހިތަށް ތަސައްލީއެއް ލިބިގެންދާނީ ކޮން ވަގުތަކުތޯ އެމަނިކުފާން ވެސް ވަނީ އައްސަވައިފަ އެވެ.
"އަޅުގަނޑު އެންމެ ލޯބިވާ އެއް ދައްތަ ނިޔާވީ އަޅުގަނޑު އެއް ފަހަރު ޖަލުގައި ހުއްޓާ. އެ ދައްތަގެ ގޭގައި، ދައްތަގެ ފިރިކަލުން ނިޔާވީމާ، ދައްތަގެ ކުޑަކުދިން ކޮޅެއް ތިބީމަޔާ އެކު، އެ ކުދިންނާ އެކު އަޅުގަނޑު އެ ގޭގައި ވަރަށް ގިނަ ވަގުތު ހޭދަކުރިން، މަދަރުސާ އަށް ދަނީ ވެސް އެ ކުދިންނާ އެކު. އެއީ އަޅުގަނޑުގެ ދައްތަ މުއުމިނާ. އޭނާ ނިޔާވީ އަޅުގަނޑު ޖަލުގައި ހުއްޓާ. ދެން އަޅުގަނޑުގެ ލޮބުވެތި މަންމަ ނިޔާވީ އަޅުގަނޑު ޖަލުގައި ހުއްޓާ. ދެން ހަމަ ނިޔާ ނުވަނީ އަޅުގަނޑު. އެ ދެން ހަމަ މާތް ﷲ ގެ ތަނަވަސް ރަހުމަތް. އެހެންވީމާ ހިތްދަތިކަން އިހުސާސް ކުރެވުނީ ކޮން ވަގުތަކުތޯ ކުރެއްވި ސުވާލުގައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ހިތަށް ފިނިކަމެއް ލިބުނީ ކޮން ވަގުތަކުތޯއޭ. އެއީ ތި ކުރެއްވި ސުވާލުގެ ޖަވާބަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ، އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުނާފީ ހުކުމެއް ކޮށްފަ އެވެ. އެ ހުކުމާ އެކު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އާ ޕާޓީ ޕީއެންއެފްގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފަ އެވެ.
އެ ހުކުމާ އެކު ރައީސް ޔާމީނަށް ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ގެއްލިފަ އެވެ. ހައި ކޯޓުގެ ހުކުމަށް ފަހު ރައީސް ޔާމީން ވިދާޅުވެފައި ވަނީ ހައި ކޯޓުގެ ހުކުމް މިއަށްވުރެ ކުރިން އެ ކޯޓަށް ނިންމުނީސް ކަމަށާއި ހައި ކޯޓުގައި މައްސަލަ ދިގުލައިގެން ދިއުމުން ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެން ހިނގައްޖެ ކަމަށެވެ.
އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން އަމުރު ކުރި ނަމަވެސް އެމަނިކުފާނުގެ އެހެން މައްސަލައެއް އަދި ދަށު ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.