ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފަސްނުޖެހި ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީ މިހެން ބުނެފައިވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެޕާޓީއަށް ލިބުނު ކާމިޔާބީއަށްފަހު ރޭ ނެރުނު ބަޔާނެއްގަ އެވެ.
އެމްޑީޕީ ނެރުނު ބަޔާނުގައި ވަނީ އެޕާޓީގެ ފަރާތުން ވާއްދަކޮށް އިއްޔެގެ އިންތިހާބު ކާމިޔާބު ކުރި ހުރިހާ ކެނޑިޑޭޓުންނަށް މަރުޙަބާ ކިޔާފަ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންގެ އިތުރަށް އިންތިޙާބު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ވެސް އެ ޕާޓީން މަރުޙަބާ ދެންނެވި އެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށާއި ރާއްޖޭގެ ތަރައްޤީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމަށް އެދިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުންކަން ފާހަގަކޮށް އެ ޕާޓީން ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެކަމަށް ޔަޤީން ކުރާކަމަށް ބުނެފަ އެވެ.
ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެޕާޓީން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް އެމްޑީޕީން ބުންޏެވެ.
02 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަހަރުތަކެއްވަންދެން އެމްޑީޕީން ދިފާޢުކުރަމުން އައި ގިނަ ދާއިރާތަކުގެ ގޮނޑި އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑިޕީން ކާމިޔާބުކޮށްފައިވަނީ މަޖިލީހުގެ 12 ގޮނޑި އެވެ.