މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ލިބިފައިވީ ނަމަވެސް މަޖިލީހުގައި ބާރު ބޭނުންކޮށްގެން މައިނޯރިޓީއަށް ބިރު ނުދައްކާނެ ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ އިންތިހާބުގައި ޕީއެންސީން ސުޕަ މެޖޯރިޓީ ނެގީ އެ ޕާޓީ އަށް އެކަނި ނެގި 66 ގޮނޑީގެ އިތުރުން ޕީއެންސީގެ ތާއީދާ އެކު އިންތިހާބުވި މެމްބަރުން އަދި ޖޭޕީ އާއި އެމްއެންޕީ އާއި އެމްޑީއޭގެ ގޮނޑިތަކުގެ ކެންޑިޑޭޓުން ހިމަނައިގެންނެވެ. އޭރުން ޕީއެންސީ އަށް 74 ގޮނޑި 20 ވަނަ މަޖިލިހުން ލިބެ އެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ހުންނެވި ސަލީމް ވިދާޅުވީ އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގަ އޮންނާނެ އެއްޗެއް ނޫން ކަމަށާއި، ހާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއް ކަމަށެވެ. އަދި އެ އާރާއި ބާރު ބޭނުންކޮށްގެން ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު ސަލީމް ތުހުމަތުކުރެއްވި ގޮތުގައި ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ޕީއެންސީގެ މައިނޯރިޓީ މަޖިލީހުގައި އޮތުމުން، އެ އެމްބަރުންގެ މަސައްކަތަށް އެމްޑީޕީގެ މެޖޯރިޓީ އިން ހުރަސްއަޅައި ފިއްތުންތަކާއި ކުރިމަތިކުރުވާފައިވެ އެވެ.

އޭނާ ވިދާޅުވީ އެ ފިއްތުންތަކުގެ ސަބަބުން، މައިނޯރިޓީ މެމްބަރުންނަށް ނަފްސާނީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި މީހުންނަށް ބިރު ދައްކައި ނަފުސާނީ ގޮތުން ބަލިކަށިކުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ ތަނުގައި ކަން ހިނގައިދިޔަ ގޮތުން، މި މަޖިލީހުން ވަރަށް ބޮޑަށް އިބުރަތް ހާސިލުކުރަން ޖެހޭ. އާރާއި ބާރާއި ނުފޫޒު މިއީ، އެއްވެސް ބައެއްގެ އަތްމަތީގައި އަބަދު އޮންނާނެ އެއްޗެއް ނޫންކަން [އެނގިއްޖެ] އަދި އެ އާރާއިބާރު ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދައްކައި، ރައްޔިތުންނަށް ނަފްސާނީ ގޮތުން ގެއްލުންދީ ހެދުމުގެ ނަތީޖާއަކީ އާހިރުގައި އޭތި އަނެއްކޮޅަށް އެނބުރޭނެ އެއްޗެއްކަން އަޅުގަނޑުމެންނަށް މިދަނީ ވަރަށް ބޮޑަށް ސާފުވެގެން،" ސަލީމް ވިދާޅުވި އެވެ.

ވޭތުވެދިޔަ ތަނުގައި ކަން ހިނގައިދިޔަ ގޮތުން، މި މަޖިލީހުން ވަރަށް ބޮޑަށް އިބުރަތް ހާސިލުކުރަން ޖެހޭ. އާރާއި ބާރާއި ނުފޫޒު މިއީ، އެއްވެސް ބައެއްގެ އަތްމަތީގައި އަބަދު އޮންނާނެ އެއްޗެއް ނޫންކަން [އެނގިއްޖެ] އަދި އެ އާރާއިބާރު ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދައްކައި، ރައްޔިތުންނަށް ނަފްސާނީ ގޮތުން ގެއްލުންދީ ހެދުމުގެ ނަތީޖާއަކީ އާހިރުގައި އޭތި އަނެއްކޮޅަށް އެނބުރޭނެ އެއްޗެއްކަން އަޅުގަނޑުމެންނަށް މިދަނީ ވަރަށް ބޮޑަށް ސާފުވެގެން،
ސަލީމް

މީގެ އިތުރުން ސަލީމް ވިދާޅުވީ ބާރުތައް މަދުބައެއްގެ އަތްމައްޗަށް ބެހިގެން ދިއުމުން، ނިކަމެތިން ނިކަމެތިވާކަމަށާއި އޭގެ ސަބަބުން ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ރައްޔިތުންނަށް ގެއްލުން ލިބިގެންދާކަމަށެވެ. އަދި ކޮންމެ ސަރުކާރެއް ވެސް ވިސްނަންޖެހޭނީ ރައްޔިތުން ނިކަމެތި ކަމުން ރަނގަޅު ހާލަތަކަށް ގެނައުމަށް ވެސް އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވި އެވެ.

ސަލީމް ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު ޕީޕީއެމް/ޕީއެެންސީގެ މަދު މެމްބަރުން ތިއްބަވައިގެން 19 ވަނަ މަޖިލީހުގައި ތަފާތު ފިއްތުންތައް ކުރިމަތިކޮށް މައިނޯރިޓީގެ އަޑު އިއްވަން ހުރަސް އެޅި އެވެ. އެހެން ނަމަވެސް އެއީ މަޖިލީހުގެ ރިޔާސަތުން ކުރި ކަމެއް ކަމަކަށް އޭނާ ތުހުމަތެއް ނުކުރައްވަ އެވެ.

ސަލީމް ވިދާޅުވީ "ނިޒާމީ ނުކުތާގެ ތެރެއިން" ހުރަސް އެޅި ކަމަށެވެ.