ރާއްޖެ އިން ބޭރުގެ އަށް ގައުމަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި އަށް ނަމެއް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ރައީސް މުއިއްޒު ސަފީރު ކަމަށް އައްޔަނުކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުން ރުހުން ދިނުން ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު، މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، އަށް ގައުމަކަށް އައްޔަނުކުރައްވާފައިވާ ސަފީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވަނީ ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.

އެއީ އެމްބެސެޑަ އެޓް ލާޖް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރުމާއި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ކުރީގެ ހެލްތު އަދި ޔޫތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް އައްޔަން ކުރުމަށާއި ރާއްޖެއިން އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ފޮރިން މިނިސްޓްރީގެ އެބަސަޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި ޑރ. އަލީ ނަސީރު އައްޔަން ކުރުމަށާއި ސްރީލަންކާއަށް ކަނޑައަޅުވާ ސަފީރު ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީގެ މަގާމު އަދާކުރެއްވި މައްސޫދު އިމާދު އައްޔަން ކުރުމަށާއި މެލޭޝިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަނީބާ އައްޔަން ކުރުމާއި ބެލްޖިއަމަށް ކަނޑއަޅުއްވާ ސަފީރުކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވި ގީލާ އަލީ އައްޔަން ކުރެއްވުމާއި ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. ސަލްމާ ރަޝީދު އައްޔަން ކުރެއްވުމުގެ އިތުރުން ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުހައްމަދު ލުވައިޒް އައްޔަން ކުރުމެވެ.

މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ސަފީރުންގެ ގޮތުގައި އައްޔަންކުރަން ރައީސް ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ކޮމެޓީން އަދި ގޮތެއް ނިންމާފައި ނުވަނީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދު އެވެ.

ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު 10 ނަމެއް ފޮނުއްވާފައިވާއިރު، އެނަންތައް ފާސްކުރުން ލަސްވެފައިވާތީ، އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.