ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަކީ ހައްދުންމަތީގެ ތާރީހު ބަދަލުކޮށްލެވި ސަރުކާރު ކަމަށެވެ. އެގޮތުން މި ސަރުކާރުގައި އެންމެ ބާރު ގަދަ ވަޒީރުންނަކީ ހައްދުންމައްޗަށް ނިސްބަތްވާ ވަޒީރުންކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ލ. އަތޮޅުގެ ދެ ބޭފުޅުންނަކީ އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އެ ދެ ބޭފުޅުން ވެސް ނިސްބަތްވަނީ ފޮނަދު އަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދެންވެސް އޮތީ މާ އުފާވެރި ހަބަރުތަކެއް ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ މާ ބޮޑު ތަފުސީލެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.

"އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ މާއުފާވެރި ރެއެއް އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކުވެސް އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރުދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ 17 ވަނަ އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ. ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބަށް ވެސް އޭނާ ވާދަ ކުރެއްވި އެވެ. އެ ފަހަރުގެ ނާކާމިޔާބީ އަށް ފަހު، ޕީއެންސީ/ޕީޕީއެމް ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ އޭނާ އެވެ.

މިފަހަރުގެ އިންތިހާބުގައި ޕީއެންސީން ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު، އަލަށް ގުޅިވަޑައިގެންނެވި މެންބަރުނާއެކު ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުގެ އަދަދު 74 އަށް އަރާނެ އެވެ. އަދި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއެކު ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދު 77 އަށް އަރަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން ހުވާކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އެ ދުވަހު އެ ބޭފުޅުން ހުވާކުރެއްވުމަށް ފަހު، ފުރަތަމަ ކަމަކަށް އޮންނާނީ އެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. އެކަން ނިންމާނީ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.