ރާއްޖެ އިން ބޭރުގެ އަށް ގައުމަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އަށް ފަރާތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރައީސް މުއިއްޒު ސަފީރު ކަމަށް އައްޔަނުކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުންނަށް ރުހުން ދިނުން ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ކޮމެޓީން ވަނީ ސަފީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.

ކޮމެޓީން ރުހުން ދިނުމަށް ފާސްކުރި ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފަ އެވެ. ސަފީރުން އައްޔަނުކުރަން ރުހުން ދީފައި ވަނީ 39 މެމްބަރުން ފެންނަ ކަމަށް ވޯޓް ދީގެނެވެ. ބައެއް ބޭފުޅުންނަށް 41 މެމްބަރުން ވަނީ ވޯޓް ދެއްވާފަ އެވެ.

ރުހުން ދިން ބައެއް ސަފީރުން

ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ފަރާތްތައް:

  • ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސެން ޝަރީފް
  • އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދު
  • އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް
  • ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މަސްއޫދު އިމާދު
  • މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު
  • ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގީލާ އަލީ
  • ޖެނީވާގައި ހުންނަވާ އދ.ގެ އޮފީސްތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ޑރ. ސަލްމާ ރަޝީދު
  • ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މުހައްމަދު ލުވޭޒު

ސަފީރު ކަމަށް އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލިހުން ރުހުން ނުދީ ގިނަ ދުވަސްވުމުން ރައީސް މުއިއްޒު އެކަމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް ވަނީ ފާޅުކުރައްވާފަ އެވެ.