ރާއްޖޭގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓްތަކާ ދިމާކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވީ ސަރުކާރުން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ “އަހާ” ފޯރަމްގެ މިރޭގެ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، އެމީހުންގެ ވޯކް ޕާމިޓާ ދިމާވޭތޯ ބެލުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން 2 މެއި ގައި ކ. ހިންމަފުށީގައި މި މަސައްކަތް ފަށާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން، ހާއްސަކޮށް އަންސްކިލްޑް ލޭބާ މިކިޔާ ކެޓަގަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވޯކްޕާމިޓް ރެކޯޑުތަކާ އެމީހުންނާ ދިމާކުރަނީ. މީގެ ތެރޭގެ ބައެއް މީހުންނަކީ މިދެންނެވި ރެކޯޑް ތެރޭގައިވެސް ނެތް މީހުން. އެހެންވީމަ މި މީހުން މި ރެކޯޑުތެރެއަށްނަގާފައި މިވަގުތު ގަވާއިދާ ހިލާފަށް ތިބީ ކޮން ބައެއްތޯ. އޭނަ ހުރީ ކޮންތާކުތޯ، ކާކުގެ ބެލުމުގެ ދަށުގައިތޯ. ނުވަތަަ އެއްވެސް މީހެއްގެ ބެލުމުގެ ދަށުގައި ނޫން ގޮތަކަށްތޯ،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ މީހުން އައިޑެންޓިފައިކޮށްފައި ސަރުކާރުން ނިންމާފައި ވަނީ ފަސޭހަ ގޮތަކަށް އެ މީހުން ގަވާއިދުގެ ތެރެއަށް ފެއްތޭނެ ގޮތެއް ހަމަޖައްސަން ކަމަށެވެ. އަދި ބިދޭސީންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ގާނޫނާ ހިލާފުވެފައި ތިބޭ މީހުން ތިބޭ ކަމަށާއި އެކަމަކު ސަރުކާރުން ބޭނުންވަނީ އެ މީހުންނަށް ވެސް ގަވާއިދަށް އުޅުމަށް ފުރުސަތެއް ދޭން ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އެއްވެސް ގޮތަކަށް ކާކުކަން އެނގޭފަދަ ލިޔެކިޔުމެއް ނެތް ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެކި އެމްބަސީތަކާ ގުޅިގެން ދެނެގަނެ، ޓްރެވަލް ޑޮކިއުމަންޓެއް ހަދައި ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބިދޭސީން ރެގިއުލޭޓް ނުވެ، ރާއްޖޭގައި ބިދޭސީންގެ އާބާދީ މަދުނުވުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އަންޑޮކިއުމެންޓެޑް ބިދޭސީންވެސް ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ގިނަވެފަ އެވެ.