ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުރަން ދިޔަ ޓޫރިސްޓަކު ބަރުވެގެން ފައިސާ ދައްކަން އެންގުމުން، ޒުވާބުކުރުމަށްފަހު އެއާޕޯޓުގައި މަސައްކަތްކުރާ އެއާލައިނެއްގެ މުވައްޒަފެއްގެ މޫނުމަތީ ޖަހައި މަރާމާރީ ހިންގައިފި އެވެ.
އެއާޕޯޓުގައި ހުރި މީހަކު "ހުރިހާ"އަށް ކިޔައިދިން ގޮތުގައި އިއްތިހާދު އެއާވޭސްގައި ޔޫއޭއީގެ އަބޫދާބީ އަށް ފުރަން ދިޔަ އެ މީހާ ބަރުވެގެން ފައިސާ ދެއްކުމަށް އެންގުމުން ފުރަތަމަ އެކަމާ ދެކޮޅު ހަދައި ޒުވާބުކުރަން ފެށި އެވެ.
"ފައިސާ ދައްކަން ދެކޮޅު ހެދި ފަސިންޖަރާ ވާހަކަދެއްކި މުވައްޒަފު އެނބުރި ދިޔަތަނާ ފަހަތުން ގޮސް މޫނު މަތީ ޖެހީ. އޭނާ ހުއްޓުވީ އެވަގުތު އެތަނުގައި އެހެން ފަސިންޖަރެއް،" އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި ފަސިންޖަރު ބަރުވުމުން އެއާލައިނުން ދައްކަން އެންގީ 30 ވަރަކަށް ޑޮލަރު ކަމަށްވެ އެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެމެރިކާ ޕާސްޕޯޓު ގެންގުޅޭ އިންޑިއާ ދަރިކޮޅުގެ މީހެއް ކަމަށްވެ އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެއާޕޯޓުގައި މާރާމާރީ ހިންގި މައްސަލައެއް ހުށަހަޅާފައިިވާ ކަމަށެވެ. އަދި އެމައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުނުން ބުނެފައިވެ އެވެ.
އެ މީހާ އެއާލައިން މުވައްޒަފަށް ހަމަލާ ދޭ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ ދައުރުވާން ފަށައިފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މާރާމާރީ ހިންގި މީހާ އެއާޕޯޓުގެ މުވައްޒަފަކަށް ހަމަލާދެ އެވެ. އަދި އޭނާ ހުއްޓުވަން މަސައްކަތްކުރާ ތަން ވެސް ވީޑިއޯއިން ފެނެ އެވެ.
ފަސިންޖަރު މީހާ ތަޅައިގަތުމުން ހައްޔަރުކޮށްގެން ގެންދިޔައީ ފުލުހުންނެވެ.