މި އާޓިކަލްގައި ދިވެހި ފިލްމް ލަސްވިޔަސްގެ ސްޕޮއިލާސް ހިމެނެ އެވެ.
ފިލްމްގެ ސްޓޯރީ ކުރުކޮށް
މިއީ އަސަރު ގަދަ ވާހަކައެކެވެ. ފިލްމްގައި ދައްކަނީ ޔުސްރާ ( ވާޝިޔާ މުހައްމަދު) އަދި އިގްބާލް (އަހުމަދު އީސާ)ގެ އަންހެން ދަރިފުޅު ކެންސަރުގެ އެންމެ ފަހު ސްޓޭޖް ތަހައްމަލު ކުރާ ތަނެވެ. ފިލްމުގައި އިގްބާލަށް ދަރިފުޅުގެ ސިއްހީ ހާލުތު ވަރަށް ބޮޑަށް ގޯސްވެއްޖެކަން އެނގި ދަރިފުޅާ ބައްދަލުވާން އާދެ އެވެ. އޭރު ޔުސްރާ އާއި އިގްބާލް ވަރިވި ތާ 14 އަހަރު ވެއްޖެ އެވެ. އިގްބާލުގެ ދަރިފުޅާ އެއްވެސް ގުޅުމެއް 14 އަހަރު ވަންދެން ނޯވެ އެވެ. ފިލްމުގެ ތެރެއިން ދެމީހުން ދިމާވެ, ކައިވެނިކޮށް ދަރިއަކު ލިބި އަދި ވަރިއާ ހިސާބަށް ކަންކަން ދިޔަ ގޮތް ދައްކައިދެ އެވެ. އަދި ފަހުން ދެމީހުން ދެމީހުނަށް ހެދުނު ގޯސްތަކަށް އެއްބަސްވެ މާފުކުރެ އެވެ. ފިލްމް ނިމިގެން ދަނީ ބައްޕަ އާއި ދަރިފުޅުގެ އަސަރުގަދަ ވާހަކައަކަށް ފަހު ދަރިފުޅުގެ މަރުވާ ހިސާބުންނެވެ.
ދެމަފަރިންގެ ރަނގަޅަށް ވާހަކަ ނުދެއްކުމުން ޖެހޭ މައްސަލަ
މި ފިލްމްގައި އެންމެ ރަނގަޅަށް ދައްކައި ދެނީ ދެމަފިރިން ރަނގަޅަށް ވާހަކަ ދެއްކުމުގެ މުހިއްމުކަމެވެ. މި ކަން ނުކުރުމުގެ ސަބަބުން ޖެހޭ ކޫސަނި މައްސަލަ އާއި މައްސަލަ ހައްލުނުކުރެވޭ ހިސާބަށް ކަންކަން ދާގޮތެވެ.
ބޭފަވާ ތެރިވުން
ދެމަފިރިންގެ ކައިވެނި ރޫޅެން ދިމާވާ މައިގަނޑު ސަބަބަކީ އިގްބާލް ޔުސްރާއަށް ބޭފަވާތެރިވުމެވެ. މިކަމުގެ ނަތީޖާ މާކުރުކޮށް ދައްކާފައިވާކަން ފާހަގަ ކުރެވުނެވެ.
ދެމަފިރިން ވަރިވުމުން ދަރިންނާއި ގުޅުން ކަނޑާލުން
މި ފިލްމުގައި 14 އަހަރު ވަންދެން ދަރިފުޅަށް އަޅާނުލާ އިގްބާލް ހުރެ އެވެ. ދަރިފުޅެއް ހުންނަކަން އިގްބާލް ހަނދާން ވެސް ވަނީ ދަރިފުޅު ބަލިވާ ހިސާބުންނެވެ. މިއީ ކިހާވަރެއްގެ ކަމެއްކަން ފިލްމްގައި ރަނގަޅަށް އެޑްރެސްކުރެވިފައެއް ނުވެ އެވެ.
ޕޯސްޓް ޕާޓަމް ޑިޕްރެޝަން
ފިލްމްގައި ޔުސްރާއަށް ދަރިއަކު ލިބުމަށްފަހު ޕޯސްޓް ޕާޓަމް ޑިޕްރެޝަން ޖެހެ އެވެ. އަދި އަމިއްލަ މީހާއަށާއި އެހެން މީހުންނަށް ހުރި ނުރައްކަލަކަށް އޭނާ ވެ އެވެ. އަދި މިކަމުގެ ސަބަބުން އޭނާ ނަފްސާނީ ފަރުވާ ހޯދަން ޖެހި ދެމަފިރިން ވަރަށް ބޮޑަށް ދުރުވެ އެވެ. ފިލްމްގައި ސީދާ "ޕޯސްޓް ޕާޓަމް ޑިޕްރެޝަން" މި ބަސްތައް ބޭނުންކޮށްއެއް ނުވެ އެވެ. މި ބަސްތައް ބޭނުންކޮށް މި ކޮންޑިޝަން އާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް ފިލްމްގައި ކިޔާ ދެވުނު ނަމަ ފިލްމް އިތުރަށް ފުރިހަމަވީހެވެ.
ފިލްމްގެ ލަވަތައް
ފިލްމްގައި ޔުސްރާއަކީ ލަވަކިޔުންތެރި ކަމަށް ވުމާއެކު ފިލްމާއި ލަވަތައް ގިނަ އެވެ. ފިލްމްގައި 10 ލަވަ ހިމެނެ އެވެ.
ފިލްމްގެ ސިނެމެޓޮގްރަފީ
ފިލްމްގެ ސިނަމެޓޮގްރަފީ ވަރަށް ރީއްޗެވެ. އެންމެ ރީތި ސީންއަކަށް ފާހަގަ ކުރެވުނު ސީން އަކީ އިގްބާލް އާއި ޔުސްރާގެ ދަރިފުޅު މަރުވާ ވަގުތު ނަގާފާއިވާ ޑްރޯން ސީން އެވެ.
ފިލްމްގެ ދިގުމިން
ފިލްމަކީ ތިން ގަޑިއިރުގެ ފިލްމެކެވެ. މިހާ ދިގުވީމަ ވަކި ހިސާބަކުން އެންމެން ވެސް ތިބީ ފިލްމް ނުނިމިފަ އެވެ. ފިލްމްގައި ބޭކާރު ސީންތަކާއި ލަވަތައް ގިނަ އެވެ.