ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައަކަށެވެ. އެހެން ނަމަވެސް ކެންސަރު ބައްޔަން އެކަށީގެންވާ ފަރުވާއެއް ރާއްޖޭގައި ދެވޭކަން ނެތެވެ.

ކެންސަރު ބަލީގައި ވަރަށް ގިނަ ވައްތަރު ހުރެ އެވެ. މި ބައްޔަކީ ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް އުފެދިދާނެ އަދި ކެންސަރު އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް ކޮންޓްރޯލެއްނެތި ބޮޑުވެ، ބައްޔަށް ފަރުވާ ނުހޯދިއްޖެ ނަމަ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިގެންދާނެ ބައްޔެކެވެ.

ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު އާފިޔާ ވަނީ އޭނާ ކެންސަރު ބައްޔަން ފަރުވާ ހޯދުމަށް ކުރި ދަތުރުގެ ތަޖުރިބާ އޭނާގެ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ.

ކެއާ ސޮސައިޓީގެ ފައުންޑަރު ފާތުމަތު އާފިޔާ ވިދާޅުވީ ކިހިލިފަތަށް އުރަމަތީގެ ކެންސަރު ފެތުރުނީ، ދޮޅުމަސްވަންދެން އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން އަގުބޮޑު ޓެސްޓުތައް ހަދަން ވަގުތު ނެގުމުން ކަމަށެވެ. އާސަންދަ ހަމަޖެހި، މިދިޔަ އަހަރުގެ ޖުލައި މަހު ބެންގަލޫރުގެ އެޗްސީޖީ ހޮސްޕިޓަލަށް ދެއްކުމުން ކިހިލިފަތުގެ ތިން ލިންފްނޯޑަށް ކެންސަރު ފެތުރިފައިވާކަން އެނގުނު ކަމަށް އާފިޔާ ވިދާޅުވި އެވެ.

"ކެންސަރުބަލިމީހުންގެ ކަންތައްތައް ވަގުތުން ނިންމުމަކީ ވަރަށް މުހިއްމުކަމައް، ކެންސަރު ބަލިމީހުންގެ ފުރާނައަށް ގެއްލުންނުވެ ބަލިބޮޑުވިޔަނުދީ، ފުރާނަ ސަލާމަތްކުރަން އެބަ ޖެހޭ" އާފިޔާ ފާހަގަކުރި އެވެ.

އާފިޔާ ވަނީ ރާއްޖޭގައި މިހާތަނަށް ކެންސަރު ފަރުވާދޭ ހޮސްޕިޓަލެއް ނެތުމުން ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑު ކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އާފިޔާ ވިދާޅުވީ 2023ގެ ޖުލައިމަހު އޭޑީކޭއިން ޕެޓް ސްކޭނާއެއް އަލަށް ގެނެސްގެން އުޅުނުއިރު އޭގެ ސްކޭނެއް ހަދާދިނީ 16,016.00 ރ. އަށް އަދި މިއީ 1038 ޑޮލަރު ކަމަށެވެ. އަދި މި މޭމަހު މެޑިކަލް ރިވިުއަށް އޭނާ ބެންގަލޫރަށް ކުރި ދަތުރުގައި ޕެޓްސްކޭން ހައްދަން އާސަންދައިން، އެޗްސީޖީ ހޮސްޕިޓަލްގެ ބިލަށް އެޕުރޫޕްކުރީ 150 ޑޮލަރު ކަމަށް އާފިޔާ ފާހަގަ ކުރެއްވި އެވެ.

ކެންސަރުބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ރާއްޖޭގާ ދެވޭ ސިއްހީ ހިދުމަތްތައް ފުޅާކުރަންޖެހޭ ކަމަށް އާފިޔާގެ ފޭސްބުކް ޕޯސްޓްގައި ހާމަކުރި އެވެ. އެގޮތުން ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް އައިސް ފަރުވާގެ އަގުގެ ކިހާވަރެއް ކަމައްކަމެއް އާސަންދައިން ކަވަރުކޮށްދޭ މިންވަރު ނޭނގޭނަމަ ކެންސަރުގެ ބަލިމީހުންގެ ހާލަތު ބޮޑުވާނެކަމަށް އާފިޔާގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ކަމުން ރާއްޖޭގައި ކެންސަރު ބަލި މީހުންނަށް ހާއްސަފަރުވާ ދެވޭނެ ހޮސްޕިޓަލެއް ގާއިމްކުރުން މުހިއްމު ކަމަށް އާފިޔާ އެ ޕޯސްޓްގައި ފާހަގަކުރި އެވެ.

އައިޖީއެމްއެޗް އިން މަދު ނަމަވެސް ބައެއް ހިދްމަތްތައް ކެންސަރު ބަލީގެ މީހުންނަށް މިހާރު ފޯރުކޮށްދޭން ފަށާފައިވާކަމަށް ފާހަގަކޮށް އާފިޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލުން ވެސް ކީމީއޯތެރަޕީ ދެވޭ ނިޒާމެއް މިހާރު ގާއިމުކޮށްފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި އެއީ ކުރިއާ އަޅާބަލައިރު ކުރިއެރުމެއް ނަމަވެސް ކެންސަރު ބައްޔަށް ހާއްސަ ޑޮކްޓަރުންނެއް ނުތިބޭ ކަމަށް ބުނެ އާފިޔާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މިހާރު ރާއްޖޭގާ ހުރީ ހަމައެކަނި އެންމެ އޮންކޮލިސްޖެސްޓްއެއް، އަދި އެންމެ ސާޖަންއެއް، އެބޭފުޅުން ނެތީވިއްޔާ އެތައް ކެންސަރު ބަލިމީހުންނެއް ކިޔޫގައި ތިބެންޖެހޭ،" އާފިޔާ ޕޯސްޓްގައި ލިޔެފައިވެ އެވެ.

ރާއްޖޭގައި ކެންސަރުގެ ބަލިމީހުންނަށް ހާއްސަކުރެވިފާވާ ކެންސަރު ހޮސްޕިޓަލެއް ވީހާ ވެސް އަވަހަށް އަޅަންޖެހޭ ކަަމަށާއި ރާއްޖޭއިން އެ ހިދްމަތްތައް ލިބުން މުހިއްމުކަަމަށް އާފިޔާ ފާހަގަކުރެ އެވެ.

"ރާއްޖޭގައި ކެންސަރުގެ ބަލިމީހުންނަށް ޚާއްސަކުރެވިފައިވާ ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް އެބަ އަޅަންޖެހެ އެވެ. ރާއްޖެއިން މި ހިދުމަތްތައް ލިބުން މުހިއްމެވެ. އެތައް މަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ތިބެގެން ކެންސަރުފަރުވާ ހޯދުމަށް ވުރެ ހަމަ ގައިމު ވެސް ރާއްޖޭގައި ތިބެގެން ކެންސަރު ބައްޔަށް ފަރުވާކުރެވޭނެނަމަ ދައުލަތުގެ ބެޖެޓް ކުޑަވެފައި، ރައްޔިތުންގެ އަތުންދާ ހަރަދުކުޑަވެފައި، ސަރުކާރުން ރާއްޖޭއިން ބޭރު ހޮސްޕިޓަލްތަކަށްކުރާ ހަރަދު ކުޑަވެ، ކެންސަރު ބަލި މީހުންގެ ހިތްހަމަޖެހުން ބޮޑުވާނެ އެވެ،" ލިޔުން ނިންމާލަމުން ހެލްތް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުު ލިޔެފައިވެ އެވެ.

https://www.facebook.com/fathimath.afiya/posts/10168501920805231?ref=embed_post

ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ އެޗްޕީއޭއިން މިފަހުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެ އެވެ.

ކެންސަރު ބައްޔަށް ހާއްސަކޮށްގެން ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލެއް ލ. ގަމުގައި އަޅަން ނިންމި އެވެ. އެހެން ނަމަވެސް ފަސް އަހަރު ނިމިގެންދިޔައިރު ވެސް އެމަސައްކަތް ފެށިފައެއް ނުވެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލާ ޖެހިގެން ކެންސަރު ހޮސްޕިޓަލު އެޅުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް، އޭގެ އަމަލީ މަސައްކަތެއް އަދި ނުފެށެ އެވެ.