ލޯބީގެ ތަފާތު، ފުން އަސަރުތަކެއް ހިމެނޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒް "ޝަރުތު"ގެ ސީޒަން ފިނާލޭ ނުވަތަ ފަހު އެޕިސޯޑު މިމަހުގެ 27 ވާ ހޯމަ ދުވަހު މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރަން ނިންމައިފި އެވެ.

އެމްއެސް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށް ޖުމްލަ 15 އެޕިސޯޑު ހިމެނޭ މި ސީރީޒްއަކީ ހުނަރުވެރި ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ)ގެ ފުރިހަމަ މަސައްކަތް ފެނިގެންދާ ސީރީޒެކެވެ.

މި ސީރީޒްގައި ފެނިގެންދަނީ މައި ކެރެކްޓާ ދާނިސް އޭނާގެ ބައްޕަގެ އެދުމުގެ މަތިން ހިތާއި ދެކޮޅަށް އޭނަ ލޯބިވާ އަންހެން ކުއްޖާ ޒޯޔާގެ ބެސްޓްފްރެންޑް ތާރާ އާއި މަޖުބޫރުން ކައިވެނި ކުރުމަށްފަހު ދިމާވާ އެކިއެކި ހާދިސާތަކެވެ. ކައިވެންޏަށްފަހު ދާނިސް އާއި ގާތްވުމަށް ތާރާ ކުރާ މަސައްކަތާއި އެކަމުން ރެކެން ދާނިސްކުރާ މަސައްކަތް އަދި އަދި ދާނިސް އާއި ޒޯޔާގެ ލޯބީގެ ގުޅުމަށް ކައިވެންޏާއި ހެދި ބުރޫއަރައި ދިމާވާ އެކި އެކި ކަންކަން ވެސް މި ސީރީޒްއިން ފެނިގެންދެ އެވެ.

މި ސީރީޒްގެ މައި ރޯލުތަކުން ފެނިގެންދަނީ ތާރާގެ ރޯލުން ދިވެހިންގެ ތެރޭގައި މަގްބޫލު ތަރި އައިޝަތު ލަހުފާ (ލާކް) އެވެ. މީގެ އިތުރުން ފިލްމީ އިންޑަސްޓްރީގައި ހަރުފަތްތައް ގިރާކުރަމުން އަންނަ ތަރިން ކަމުގައިވާ ޝާފިއު މުހައްމަދު (ޝާފީ) އަދި ޝަހީދާ މުހައްމަދު (ޑޯރާ) މި ސީރީޒްގެ އިސް ރޯލުތަކުން ފެނިގެންދެ އެވެ.

ޅ. ކުރެންދޫގައި ޝޫޓްކޮށްފައިވާ މި ސީރީޒްގެ މިހާތަނަށް 14 އެޕިސޯޑު ރިލީޒްކޮށްފައިވާއިރު، މި ސީރީޒްގައި ހިމެނޭ ލޯބި އަދި މަޖާ ސީންތަކާއި ޑައިލޮގްތަކަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ. ހާއްސަކޮށް ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ވެސް މި ސީރީޒްގައި ފެނިގެންދާއިރު، އެ ފަރާތްތަކުގެ އެކްޓިން، ބެލުންތެރިންވަނީ ފާހަގަކޮށްފަ އެވެ.

ސީޒަން ފިނާލޭ އެޕިސޯޑުގައި ވާނެ ގޮތް ބަލާލުމަށް ގިނަ ބަޔަކު މިހާރު ވަނީ ކެތްމަދުވެފަ އެވެ. ދާނިސް އޭނާގެ އަނބިމީހާ ތާރާ އާއި ލޯބީގެ ގޮތުން ގުޅި، އުފާވެރި ހަޔާތެއް ދިރިއުޅޭނީތޯ ނޫނީ އަނބުރާ އޭނާގެ ލޯބިވެރިޔާ ޒޯޔާ ކައިރިއަށް ދާނީތޯ އެވެ؟ ރަގީބް އަށް ޒޯޔާގެ ލޯބި ކާމިޔާބުކުރެވޭނެ ބާ އެވެ؟ އެލީ އާއި ފައިސަލްގެ ގުޅުމަށްވާނީ ކިހިނެތްބާ އެވެ؟ މި ހުރިހާ ސުވާލެއްގެ ހޯމަ ދުވަހުގެ އެޕިސޯޑުން ލިބޭނެ އެވެ.

މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތް މެދުވެރިކޮށް މި ސީރީޒް ޓީވީ އަދި މޯބައިލް ޑިވައިސްތައް މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް އެމްއެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީއިން އަދި އެމްއެސް ޑިޖިޓަލް ގްލޯބަލް މެދުވެރިކޮށް މޯބައިލް ޑިވައިސްތަކުން ބަލާލެވޭނެ އެވެ.