މި ހަފުތާ ނިމެން ދަނިކޮށް އަޑު އިވުނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަތަކުން ވެރިންތަކެއް ވަކިކުރި ޚަބަރުތަކެވެ. ބައެއް މިނިސްޓްރީތަކުގެ ނައިބުންތަކެއް ސަސްޕެންޑްކުރި ޚަބަރެވެ. އޭގެ ކުރިން ވަނީ ވަރުގަދަ ކުންފުންޏަކުން ބޭފުޅުންތަކެއް އިސްތިއުފާ ދެއްވައިފަ އެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟ މިކަމެއް މި ހިނގީ ސަރުކާރަށް ހަ މަސްވިތާ ހަމަ ދެތިން ދުވަސްވަތެރޭގަ އެވެ.

ޓޫރިޒަމް މާކެޓް ކުރަން ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ތެރޭގައި މައްސަލަތައް ފުނިޖެހިފައިވީ ނަމަވެސް އާއްމުންނަށް އެކަންކަން ތިލަވާ ހިސާބަށް ދިޔައީ އެ ކުންފުނީގެ ގާބިލް ޗެއާޕާސަން ނޫރައިން ޖަނާހު އިސްތިއުފާ ދެއްވަމުން ހުށަހެޅި ސިޓީގައިވާ ކަންކަމުންނެވެ. ނޫރައިންގެ އިސްތިއުފާއާ އެކު ވަނީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިފަތު ތައުފީގު (ކުޑީ) މަގާމުން ވަކިކޮށްފަ އެވެ. ނޫރައިންގެ ސިޓީގައިވާ ވާހަކަތަކަށް ބަލާއިރު ކުޑީއަކީ އެފަދަ ބޮޑު ކުންފުންޏެއް ހިންގުމުގެ އެއްވެސް ވަރެއްގެ ގާބިލްކަމެއް ހުރި މީހެއް ނޫނެވެ.

އެމްއެމްޕީއާރްސީ ހިންގަމުން އަންނަ ގޮތާ މެދު ކުޑީ އާއި އެމްއެމްޕީއާރްސީގެ ބޯޑާ ދެމެދު ވަނީ ގިނަ ހަޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. ބައެއް ހަރަކާތްތައް ހިންގުމަށް ހަރަދު ކުރުމުގައި އެ ކުންފުނިން ނިންމާފައިވާ ނިންމުންތަކާ މެދު ބޯޑުގެ ބައެއް މެންބަރުންނާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ އާ އެމްޑީއަކަށް ހަމަޖެއްސި ފާތިމަތު ތައުފީގު

ނޫރައިންގެ އިސްތިއުފާއާ އެކު އެ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލް ކުރައްވާ މެންބަރު ރާފިލް މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ސަރުކާރުގެ ޓޫރިޒަމް މާކެޓް ކުރާ ކުންފުނީގެ އެންމެ އިސްވެރިއަކަށް ހުރެ، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަަމަށްވާ އިންޑިއާއާ ދެކޮޅަށް ޓްވިޓްކުރުމުން މަގާމަށް ކުޑީ ތަސައްރަފު ނުފެދޭކަން ދޭހަވި ކަމަށް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. ޕީޕީއެމް ހަރަކާތްތަކުގައި އިސް އެކްޓިވެސްޓެއްގެ ގޮތުގައި އުޅެފައިވާތީ އޭނާ އަށް މަގާމެއް ދިނުން މައްސަލައެއް ނޫނެވެ. އެކަމަކު މައްސަލައަކީ ދިން ބޮޑު މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ގޮތަށް އަމަލުތައް ބެހެއްޓުމެވެ. ނުވަތަ އެފަދަ ފަރާތަކަށް ސަރުކާރުން ބޮޑު މަގާމެއް ދިނުމެވެ. އެމްއެމްޕީއާރުސީގެ ހިންގުން ބޮއްސުން ލައިފި ކަމަށް ނޫސްތަކުގެ ބޮޑު ސުރުހީ އަށް އައުމަކީ ލަދުވެތި ކަމެކެވެ.

ނޫރައިން ޖަނާހު: ފަރިތަކާ އެކު ވާހަކަ ދައްކަވާ

ކުޑީ އެންމެ ފުރަތަމަ ހަމަޖެއްސީ އެސްއެމްއީ ބޭންކުގެ އެމްޑީއަކަށެވެ. އެ މަގާމު ހަމަނުޖެހުނީ ބޭންކެއްގެ ވެރިއެއްގެ ޝަރުތު އުނިވުމުން އެމްއެމްއޭ އިން އެކަން ގަބޫލް ނުކުރުމެވެ.

ދެން އިވުނު ޚަބަރަކީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސަމާހު ރަޝީދު ވަކިކުރި ވާހަކަ އެވެ. ސަމާހު މަގާމުން ވަކިކުރީ އޭނާގެ މައްޗަށް އެތައް ތުހުމަތެއް ކުރި ފަހުންނެވެ. ގާތް މީހުންނަށް މަގާމުތައް ދިނުމާއި ޚަރަދު ކުރުމުގައި އެއްވެސް ބެލުމެއް ނެތް ކަމުގެ ތުހުމަތެވެ. ޕީސީބީން މީގެ ކުރިން ވަނީ މަގާމުން ސަމާހު ސަސްޕެންޑް ވެސް ކޮށްފަ އެވެ. ސަރުކާރުގެ މަސްކުންފުނިން ވަކިކުރުމަށް ފަހު ސަމާލު ދެން ލާފައި މިވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ސިޓީ ކައުންސިލްގައި ސަމާހު އާއި ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރެއްވި އިރު މިއީ ވަރަށް ގާތް ދެ ބޭފުޅުން ކަމަށްވެ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މަގާމުން ވަކިކުރި އަނެއް ބޭފުޅަކީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން އަހުމަދު އަހުމަދު ޒުހޫރެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީރުކަމާއި ބައެއް ކުންފުނިތަކުގެ އެމްޑީކަން ކުރެއްވި ޒުހޫރު ވަކިކުރި ސަބަބެއް ކަމަށް ވަނީ މެނޭޖުމެންޓުން ބޭނުންވާ ބައެއް ކަންކަން ބޯޑުގައި އެޖެންޑާ ކުރަން ދެކޮޅު ހަދާތީ ކަމަށްވެ އެވެ.

އެޗްޑީސީން ވަކިކުރި ޒުހޫރު

ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރުމުގެ ސިލްސިއާ އަށް މިދިޔަ ހަފުތާގައި އިތުރުވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒް އާއި ދިވެހި ލޭންގްއޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ އެވެ. ކުރީގެ މަޝްހޫރު ނޫސްވެރިޔާ ވަޖުދީ އަކީ ޑެޕިއުޓީ މިނިސްޓަރެއްކަން ވެސް ގިނަ މީހުންނަށް އެނގުނީ އޭނާ ސަސްޕެންޑް ކުރުމުންނެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ލެންގޭޖް މިނިސްޓްރީގެ ނައިބުންގެ ތެރޭގައި ވަޖުދީގެ ނަމެއް ވެސް ނެތެވެ. މި ދެ ބޭފުޅުން ސަސްޕެންޑްކުރީ ސިޔާސީ މުވައްޒަފުންގެ އުސޫލާކާ ޚިލާފުވުމުން ކަމަށްވެ އެވެ. މި ދެ މީހުން ސަސްޕެންޑްކުރީ ކިތައް ދުވަހަށް ކަމެއް އަދި ސަސްޕެންޑްކުރި މުއްދަތުގައި މުސާރަ ލިބޭ ކަމެއް ވެސް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.

އޭގެ ކުރިން މިދިޔަ ޖެނުއަރީ މަހު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދު ބަސް ރައްދުވާ ގޮތަށް ޓްވިޓާގައި ވާހަކަ ދައްކައިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްކޮށްފަ އެވެ. އެއީ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ. އެ ތިން މީހުން ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށެވެ. އެހެން އެއީ ނަމެއްގައި ކުރި ސަސްޕެންޝަނެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެ ތިން ޑެޕިއުޓީ މިނިސްޓަރުން އެއްވެސް މަސައްކަތެއް ނުކޮށް އެ މީހުންނަށް ދައުލަތުން މިހާރު ވެސް އެތައް ލައްކަ ރުފިޔާއެއް ހޭދަކޮށްފި އެވެ.

އިންޑިއާ އަށް މަލާމަތް ކުރި 3 ޑެޕިއުޓީ މިނިސްޓަރުން (ކ-ވ) ޝިއުނާ، މަހްޒޫމް އަދި މަލްޝާ.

ސަރުކާރުގެ ކުންފުނިތަކުން މީހުން ވަކިކޮށް ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްކުރަން ފަށާފައި މި ވަނީ އާ މަޖިލިސް ހުވާކުރަން ތައްޔާރުވެފައި ވަނިކޮށެވެ. ވިހި ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރަށެވެ. އެހެންވެ ސަރުކާރުން ބޭނުން ކަމެއް މަޖިލިސް ތެރޭން ކުރުމަކީ އެހާމެ ފަސޭހަ ކަމަކަށްވާނެ އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ރެއާއި ދުވާލު މަސައްކަތް ނުކުރެވޭ ފަރާތްތައް ވަކިކުރައްވާނެ ކަމަށެވެ. ފެނިގެން މިދަނީ ރައީސް އެ ވިދާޅުވި ބަސްފުޅު ތަންފީޒް ކުރުން ނޫން ބާވަ އެވެ؟