ހާމިދު އަލީ ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށް 2009 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "އުދަބާނި"ގެ ދެވަނަ ބައި މިއަހަރުގެ ސެޕްޓެމްބަރު މަހު 15 ގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ލޯބީގެ ބިރުވެރިއަކަށް ވާހަކައެއްގެ މައްޗަށް ގެނެސްދޭ މިފިލްމުގެ ޝޫޓިން ނިމިފައިވާއިރު، މިފިލްމުގައި ހާމިދުގެ އިތުރުން ދެން ފެނިގެންދާނީ އަހުމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، އަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

ލިޔުންތެރިޔާ މުހައްމަދު ގާސިމުގެ ވާހަކަ "އުދަބާނި" އަށް ހެދި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލްގެ އިތުރުން ހާމިދެވެ.

މިފިލްމަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. އަދި ވިޔަފާރީގެ ގޮތުން ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އަމްޖޭގެ ފުރަތަމަ ފިލްމެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ދައްކައިގެން މިލިނިއަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ހޯދި ފިލްމެކެވެ.

އަމްޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމު ޑައިރެކްޓްކުރި އަދި 2016 ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލިބިފައިވާ އަމްޖޭގެ ދެ ފިލްމެއްގެ ބޮޑުބައި ނިމި އަދިވެސް ރިލީޒްނުކުރެވި އެބައޮތެވެ. އެއީ އޭނާގެ 50 ވަނަ ފިލްމު "ގިލަން" އާއި "ދޭތީ އަނިޔާ" އެވެ.