ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަންނަ މަހު ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް، މިނިސްޓަރު މޫސާ ޒަމީރު ލަންކާއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 3 އިން 6 އަށް ކަމަށެވެ. މިއީ މަގާމާ ހަވާލުވުމަށްފަހު މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ސްރީލަންކާގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ފޮރިން މިނިސްޓަރު އާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އެގޮތުން ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންހަ އާއި ބޮޑުވަޒީރު ޑިނޭޝް ގުނަވަރުދެނާއާ ބައްދަލުކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ޒަމީރު މި ދަތުރުފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.