ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީގެ) މުގައްރިރުކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައްޔަން ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީތަކަށް އައްޔަން ކުރަން ޕާޓީތަކުން ފޮނުވި ނަންތައް ފާސްކޮށްފަ އެވެ.
މުގައްރިރު ކަނޑައަޅަން ބޭއްވި ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރު ކަމަށް ސަލީމް އައްޔަނުކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެވެ.
241 ކޮމެޓީއަކީ ގާނޫނު އަސާސީން ބާރު ލިބިގެން އުފައްދާފައި އޮންނަ ހަމަ އެކަނި ކޮމެޓީ އެވެ.
އެ ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މީގެ ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ ގާސިމްގެ ނަން ހުށަހެޅުއްވީ ސަލީމެވެ. ގާސިމްގެ ނަން ފާސްކޮށްފައިވަނީ ވެސް ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މާލިއްޔަތު ކޮމިޓީގެ ނައިބަކަށް އައްޔަނުކޮށްފައިވަނީ ސަލީމެވެ.
މާލިއްޔަތު ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ މާލިއްޔަތާއި ގުޅުންހުރި ކަންކަން ބެލުމާއި، ކަމާގުޅުންހުރި ފަރާތްތައް ޖަވާބުދާރީކުރުވުމާއި، ދައުލަތުގެ ބައެއް މަގާމުތަކުގެ މުސާރަތައް ބަލައި މުރާޖައާކޮށް ގޮތްތަކެއް ނިންމުމެވެ.
މާލިއްޔަތު ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ:
ގާސިމް އިބްރާހިމް (މުގައްރިރު)
އަހުމަދު ސަލީމް (ނައިބު މުގައްރިރު)
އަހުމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް)
މުހައްމަދު މަމްދޫހް (ފުނަދޫ ދާއިރާ)
އަހުމަދު އަޒާން (ހިތަދޫ މެދު ދާއިރާ)
އަބްދުﷲ ޝަރީފް (ކެލާ ދާއިރާ)
ހަމަދު އަބްދުﷲ (ފުވައްމުލަކު އުތުރު ދާއިރާ)
އިބްރާހިމް ސުޖާއު (ބާރަށު ދާއިރާ)
އަސަދުﷲ ޝިހާބް (ގެމަނަފުށީ ދާއިރާ)
އަބްދުﷲ ޝަމްހީދު (ހުޅުމާލެ ދެކުނު ދާއިރާ)
އަބްދުލް ޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)
241 ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ:
އަހުމަދު ސަލީމް (މުގައްރިރު)
އިބްރާހިމް ފަލާހް (ނައިބު މުގައްރިރު)
އަހުމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް)
މުހައްމަދު ޝާހިދު (ހުޅުދޫ ދާއިރާ)
ޝާމިން ހަބީބް (ކުރެންދޫ ދާއިރާ)
އަހުމަދު ތޯރިގް (މަހިބަދޫ ދާއިރާ)
އަބްދުލް ޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)
މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ)
އަހުމަދު އަޒާން (ހިތަދޫ މެދު ދާއިރާ)
އަބްދުލް ހަންނާނު އަބޫބަކުރު (ތުޅާދޫ ދާއިރާ)