ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް، އިންޑިއާގައި އިއްޔެ އެކުލަވައިލި އާ ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް މުއިއްޒާއި އިންޑިއާގެ ޔޫނިއަން މިނިސްޓަރު މަޝްވަރާކުރެއްވި އެވެ. އަދި އެއްގައުމުން އަނެއް ގައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމްގެ މުހިންމުކަން ފާހަގަކުރައްވާ، ރާއްޖެއާއި އިންޑިއާއިން ދެގައުމުގެ މެދުގައި މިއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ދެބޭފުޅުން ވެސް ފާޅުކުރައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވައި، އިންޑިއާއިން ޒަމާނުއްސުރެ ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ހާއްސަގޮތެއްގައި ފާހަގަކުރައްވައިފަ އެވެ. އަދި ބޮޑުވަޒީރާއި އާ ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތާއި، އިންޑިއާގެ ރައީސް ދެއްވެވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވެފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރާއި އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ގަބޫލުކުރައްވާ، މި ރަސްމިއްޔާތުގައި ރައީސް އާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތުމުން އިންޑިއާގެ ޔޫނިއަން މިނިސްޓަރު ވަނީ، އެކަމަށް ވަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އީސް މުހައްމަދު މުއިއްޒު އާއި ޖައިޝަންކަރު މިއަދު ނިއު ދިއްލީގައި ބައްދަލުކުރައްވަނީ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި އިންޑިއާގެ ޔޫނިއަން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ކުރިމަގުގައި ރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ ނިމިދިޔަ ދައުރުގައި ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި އެ މަގާމުގައި ހިދުމަތްކުރެއްވި ދުވަސްތަކުގައި ރާއްޖެއާ ވަރަށް ގާތްގުޅުމެއް އެމަނިކުފާނުވަނީ ދަމަހައްޓަވައިފަ އެވެ.