އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި މަންދޫބުންގެ ތެރެއިން އެންމެ ޚާއްސަ ސަމާލުކަމެއް ލިބިވަޑައިގެންނެވި މެހެމާނަކީ ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ސާކުގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި އަފްޣާނިސްތާން ފިޔަވައި އެހެން ގައުމުތަކުގެ ވެރިންނަށް ދައުވަތު އަރުވައިގެން ބޭއްވި ރަސްމިއްޔާތުގެ ތެރޭގައި ހިމެނުނު ރަސްމީ ފަރީއްކޮޅުގައި މޯދީއާ އެންމެ ގާތުގައި އިންނެވީ ވެސް ރައީސް މުއިއްޒެވެ.
އިންޑިއާގެ ހިންދޫ ވަތަނީ ޕާޓީ، ބީޖޭޕީ އަށް ތިން ވަނަ ދައުރަކަށް ވެރިކަން ލިބުމާއެކު ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތު ދިން އަވަށްޓެރިންނަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވޭ ކަމެއްގެ ގޮތުގައި އިންޑިއާގެ މީޑިއާތަކުން ސިފަ ކުރީ ނަރެންދުރަ މޯދީގެ "ނެއިބަހުޑް ފަސްޓް" ޕޮލިސީއަށް އަމަލު ކުރައްވާ ކަމެވެ. އެހެން ނަމަވެސް ރަސްމިއްޔާތުގެ މަންޒަރަށް ނަޒަރެއް ހިންގާލާއިރު ފެންނަން އޮތީ އަވަށްޓެރިންނަށް ވީތީ އިސްކަން ދިނުމަށް ވުރެ އިންޑިއާގެ މަސްލަހަތަށް އިސްކަން ދިން މަންޒަރެވެ.
އިންޑިއާގެ އެންމެ އަވަށްޓެރި ޕާކިސްތާނަށް ދައުވަތު ނުދިނުމާއި އަފްޣާނިސްތާނާއި މިޔަންމާ ވެސް ލިސްޓުން އުނި ކުރުމުން އަވަށްޓެރިންނަށް އިސްކަން ދެވުނު ކަމުގައި ބެލެވޭނެ ޖާގައެއް ނެތެވެ. އެއާ ޚިލާފަށް ފެނިގެން ދިޔައީ އިންޑިޔާގެ މަސްލަހަތުތައް ހިމާޔަތްކޮށް އެގައުމުގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވާ ގައުމުތައް ޖަމާކޮށް ބޭއްވި ޕާޓީއެއްގެ ސިފަ އެވެ.
ރަސްމިއްޔާތުގައި ރާއްޖެއާއި ސްރީލަންކާ އާއި ބަނގްލަދޭޝްގެ އިސް ވެރިންނާއެކު މޮރިޝަސް އާއި ސީޝެލްގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވުމުން އިންޑިއާ އިން ސަރަހައްދު ކޮންޓްރޯލްކުރުމަށް ގާތްކޮށްގެން ގެންގުޅެން ބޭނުންވާ މީހުންނަކީ ކޮބައިކަން ރީތިކޮށް ދޭހަވެ އެވެ.
ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅު ކަވަރުކުރި އިންޑިއާގެ ގިނަ ނޫސްވެރިން ސިފަކުރީ ރައީސް މުއިއްޒު އިންޑިއާއަށް މި ކުރެއްވި ދަތުރުފުޅުގެ މާނައަކީ އިންޑިއާ ބޭނުންވާ ސްޓްރެޓެޖިކް ގުޅުން ދިވެހި ރާއްޖެއާއެކު ބަދަހިވުމުގެ ކޮޅުމަތި ފެންނަމުންދާކަން ކަމަށެވެ. އެ ވާހަކައަށް ބާރު ލިބޭ ހެއްކެއްގެ ގޮތުގައި ނޫސްވެރިން ވަނީ ރައީސް މުއިއްޒު، އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެވުމަށް ބޭނުންފުޅުވެވަޑައިގެން އެކަމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދެފަހަރެއްގެ މަތީން ހުށަހެޅި ކަމަށް ވެސް ބުނެފަ އެވެ. އެ ދެފަހަރު ވެސް މޯދީގެ ޝެޑިއުލްގައި އެދަތުރަށް ވަގުތު ހުސްކުރެވެން ނެތިގެން އެކަން ވާގޮތް އޮތީ ނުވެފައި ކަމަށް ވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ނޫސްވެރިން ބުނެފައިވެ އެވެ.
ދެފަހަރުގެ މަތިން އިންޑިއާ އިން ރާއްޖޭގެ ދައުވަތު ބަލައިނުގަން ކަމަށް ވިޔަސް ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒަށް ދައުވަތު އެރުވުމުން ރިޕޯޓަރުން ސިފަކުރީ އިންޑިއާ އިން ބޭނުންވާ މިސްރާބަށް ދިވެހި ސަރުކާރުން ދީލާލައިފައިވާކަމުގެ ހެތްކެއްގެ ގޮތުގަ އެވެ. ނޫސްވެރިން ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމާ އެއްބާރުލުން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ އެކު ނިމިދިޔަކަމުގައި ފާހަގަކޮށް، "އިންޑިއާ އައުޓް" ކެމްޕޭނާއި އިންޑިއާއިން ހިންގި "ބޮއިކޮޓް މޯލްޑިވެސް"ގެ ހަރަކާތައް ވެސް ބަލާލައިފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ހިންގި ކެމްޕޭނާއި ވެރިކަމަށް ވަޑައިގެން ކުރީކޮޅު އަމަލުކުރެއްވި ގޮތަށް ބަލާއިރު މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އިންޑިއާއާ ވީ ކޮޅަށް ދިވެހި ސަރުކާރު ދީލާލި ދީލާލުމެއް ކަމަށް މާނަކުރެވޭ ކަމަށް ވެސް އިންޑިއާގެ ނޫސްވެރިން ސިފަކުރެ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ހަމަސް ފުރުނުއިރު އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަށް ފާހަގަކުރޭ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ކަމަށް ވިޔަސް ޗައިނާ ސަރުކާރުގެ މާބޮޑު އެހީތެރިކަމެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އެތެރޭގެ ހާލަތަށް ބަލާއިރު ދަރަނީގެ ބުރަ އިންތިހާއަށް ބޮޑުވެފައިވާއިރު ސަރުކާރުން އިއުލާންކުރި ބިޔަ މަޝްރޫއުތައް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތެވެ. މިދަނޑިވަޅުގައި ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ބޮލުގެ ރިހުމަކީ އިންޑިއާ އިން ނަގާފައި ހުރި ދަރަނިތައް ދައްކަން ޖެހުމެވެ. އެހެންކަމުން އެ ދަރަނިތައް ފަސްކޮށް އިތުރު އެހީތެރިކަން ހޯދުމަށް އިންޑިއާގެ އެހީ ހޯދުން ނޫން އެހެން ގޮތެއް މިވަގުތު އޮތް ކަމަކަށް ނުފެނެ އެވެ.
ރާއްޖޭގެ ސިޔާސީ މާހައުލަށް ބަލާއިރު އިންޑިއާ ބޭނުން ގޮތަކަށް ރާއްޖޭގެ ޕޮލިސީތައް ބައްޓަންކުރުމަށް ސަރުކާރުން ރުހޭނަމަ އެކަމާ ދެކޮޅަށް ވާހަކަ ދެއްކޭނެ އިދިކޮޅު ޕާޓީއެއް ނެތެވެ. އެމްޑީޕީ އަކުން އެވާހަކައެއް ނުދައްކާނެ އެވެ. "އިންޑިއާ އައުޓް" ކެމްޕޭން ހިންގެވި ކުރީގެ ރައީސް ޔާމީންގެ ހިލަމެއް މިވަގުތަކު ސިޔާސީ އުދަރެހަކުން ނުވެ އެވެ. އެހެން ކަމުން މުއިއްޒާ އެކު މުޅި ގައުމު މި ވަގުތު އޮތީ އިންޑިއާ ކޮޅަށް ދީލާލަން ރުހިގެން ކަމަށް ބެލެވިދާނެ އެވެ.