ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލު ކުރައްވައި ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެއްވުނު ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަމުގެ ހުވާ މިދިޔަ އާދިއްތަ ދުވަހު ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ އޭނާ އަށް ލިބިފައިވާ ތަޖުރިބާ އާއި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ރައީސް މުއިއްޒާ އެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވެވި ކަމަށެވެ.

އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅު ކުރުމަކީ އިންޑިއާ އިން އަބަދުވެސް އިސްކަން ދޭނެ ކަމެއް ކަމުގައި ޖައިޝަންކަރު ވިދާޅުވި އެވެ.

ޖައިޝަންކަރު ވަނީ ތިން ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފަ އެވެ.

ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ވަނީ މާލެ ވަޑައިގެންފަ އެވެ. އެމަނިކުފާނު އިންޑިއާ އަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސް އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ދެބޭފުޅުން ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވި އެވެ. މީގެ އިތުރުން އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ރައީސްގެ އަރިހަށްް ޢިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި އެވެ.

ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި ދަތުރުފުޅަކީ، ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.