ކޮވިޑް-19 އާގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތްކުރި ފްރަންޓް ލައިންގެ މުވައްޒަފުން ބޭތިއްބުމަށް ގެސްޓު ހައުސްތަކުން ކޮޓަރި ކުއްޔަށް ނަގައި 16 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރީ އެ ގެސްޓުހައުސްތަކާއެކު އެއްބަސްވުންތަކެއް ނެތި، ރޭޓަށް ވުރެ އިތުރަށް އެތަންތަނަށް ފައިސާ ދެއްކިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ (އެންޑީއެމްއޭ) އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެންޑީއެމްއޭ އިން ކޮވިޑް-19 ޙާލަތާ ގުޅިގެން ޚަރަދުކޮށްފައިވަނީ ގާނޫނާއި ގަވާޢިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި އޮޑިޓް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މާލެ އާއި ހުޅުމާލެއިން ފްރަންޓްލައިން ސްޓާފުން އާއި ކޮވިޑް-19އާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސައްކަތްކުރި ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެއްސުމަށް ގެސްޓު ހައުސް ކުއްޔަށް ނަގާފައި ވަނީ މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ގޮތަށް އެއްބަސްވުންތައް ހަދައިގެން ނޫން ކަމަށެވެ.
އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރިޒޯޓުތަކާއި މާލޭޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހިފަން 30 ޖޫންގެ ނިޔަލަށް އެންޑީއެމްއޭއިން 35.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ގެސްޓުހައުސްތަކާއެކު އެއްބަސްވުންތަކެއް ހަދާފައި ނެތުމުން އެކި ގެސްޓުހައުސްތަކުން ފޯރުކޮށްދެނީ ކޮން ޚިދުމަތްތަކެއް ކަމާއި އެ ޚިދުމަތްތައް ފޯރުކޮށްދޭ އަގަކީ ކޮބައިކަން އެނގެން ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކި ގެސްޓުހައުސްތަކުން އެކި މިންވަރަށް ބިލުކޮށްފައިވާ ކަމަށް ވެސް އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެންޑީއެމްއޭގެ ރިޕޯޓުގައި ގެސްޓްހައުސްތަކުގައި ތިބި މީހުންގެ މައުލޫމާތު ކަށަވަރުނުކޮށް ފައިސާ ދައްކާފައިވުމާއި އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް އެކަމަޑޭޝަންގެ ގޮތުގައި ފައިސާ ދައްކާފައިވުން ވެސް ފާހަގަކޮށްފައިވެ އެވެ.
ފްރަންޓްލައިންގައި މަސައްކަތް ކުރި ބައެއް އިދާރާތަކުން މައުލޫމާތު ހޯދައި ބެލި އިރު، ބައެއް ގެސްޓްހައުސްތަކަށް ބޭނުން ނުކުރާ ކޮޓަރިތަކަށް ވެސް ފައިސާ ދައްކާފައިވާ ކަމާއި ކޮޓަރި ބޭނުން ކުރި މުއްދަތަށް ވުރެ އިތުރަށް ވެސް ބައެއް ހާލަތްތަކުގައި ފައިސާ ދައްކާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ އޮޑިޓް ރިޕޯޓުގައި ބައެއް ގެސްޓްހައުސްތަކާ އެކު އެއްބަސްވުން ހަދާފައި ނެތަސް ރިސޯޓުތަކުގައި މީހުން އެކަހެރި ކުރަން އެއްބަސްވުން ހަދާފައިވެ އެވެ. އޮޑިޓްގައިވާ ގޮތުގައި އެއްބަސްވުމުގައި ވަނީ ދައުލަތުން ދައްކަން ޖެހެނީ ކޮޓަރިއަކަށް ދުވާލަކު 750 ރުފިޔާ އެވެ.
ނަމަވެސް އެއްބަސްވުމާ ޚިލާފަށް މީހުން ބޭތިއްބި ރިސޯޓަކަށް ޓީޖީއެސްޓީގެ 12 ޕަސެންޓު އިތުރުކުރުމަށްފަހު ކޮޓަރިއަކަށް ދުވާލަކު 840 ރުފިޔާގެ ރޭޓުން ބިލުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އެހެންކަމުން، އެއްބަސްވި ރޭޓަށް ވުރެ އިތުރަށް އެ ރިޒޯޓަށް 206،000 ރުފިޔާއަށްވުރެ ގިނައިން ދައްކަން ޖެހުނު ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓަކީ އެންޑީއެމްއޭއިން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން 30ގެ ނިޔަލަށް ކޮވިޑް-19އާ ގުޅިގެން ކުރި ހަރަދުތަކުގެ ރިޕޯޓެކެވެ.