އިންޑިއާގެ މަޝްހޫރު ތަރި ރަޖްނީކާންތު އާއި ސަލްމާން ޚާން އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓުކޮށްފި އެވެ.
މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޖްނީކާންތު އާއި ސަލްމާން ފެނިގެންދާނީ ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމަކުންނެވެ.
ބޮލީވުޑް ހަންގާމާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެޓްލީގެ އަމާޒަކީ ވަރުގަދަ ދެ ސުޕަސްޓާރުން ހިމަނައިގެން ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ހެދުން ކަމަށެވެ.
އެގޮތުން އެޓްލީ ވަނީ މިދިޔަ ހަފްތާގައި ސަލްމާނާއެކު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފަ އެވެ. އަދި މިފިލްމުގައި ރަޖްނީކާންތު ފެނިގެންދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މިފިލްމުގެ ޝޫޓިން މިއަހަރު ފަހުކޮޅު ފެށުމަށް ނިންމާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މި ފިލްމު ޕްރޮޑިއުސްކުރާނީ ރަޖިނީކާންތާއި ގާތް ގުޅުމެއް އޮންނަ ލީޑިން ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ސަން ޕިކްޗާސް އިންނެވެ.
އެޓްލީ، ރަޖިނީކާންތު، އަދި ސަލްމާން ޚާން ބައިވެރިވާ ބައްދަލުވުމެއް އަންނަ މަހު ބާއްވަން ހަމަޖެހިފަ އެވެ. މިބައްދަލުވުމުގައި މިފިލްމުގެ އިތުރު މައުލޫމާތު ހާމަކުރާނެ އެވެ.
އެޓްލީ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކް ޚާނާ އެކީ މިދިޔަ އަހަރު ގެނެސްދިން އެކްޝަން ތުރިލާ "ޖަވާން" އެވެ.
ސަލްމާން މިހާރު އަންނަނީ ތަމަޅަ ޑައިރެކްޓަރު މުރްގަދޯސްއާ އެކީ "ސިކަންދަރު" ގެ މަސައްކަތް ކުރަމުންނެވެ. މި މަހުގެ 18 ގައި ޝޫޓިން ފެށި މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.