ގާނޫނާއި ގަވައިދާ ހިލާފަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިނގިރޭޓް ކަސްޓަމުން އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ ކަސްޓަމްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގެ އެއް ތަން އަދި ބުދަ ދުވަހު މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރި ކަމަށެވެ.
ކަސްޓަމްސް އާއި ފުލުހުންގެ އިތުރުން އެމްއެންޑީއެފް ގުޅިގެން ހިންގި މި ހާއްސަ އޮޕަރޭޝަނުގައި 173 ކާޓަން ނުވަތަ 1.7 މިލިއަން ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ކަސްޓަމުން ބުންޏެވެ.
މި ތަކެތީގެ ލަފާ ކުރެވޭ މާކެޓް ވެލިއުއަކީ 1.6 މިލިއަން ރުފިޔާ ކަމަށްވާ އިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ފަރާތުން ލިބުނު އެހީތެރިކަން ކަސްޓަމުން ފާހަގަ ކުރެ އެވެ.
ކަސްޓަމްސްއިން ބުނީ، އެ އިދާރާގެ މަސައްކަތްތައް މިއަދު ބައްޓަންވެފައިވަނީ ދުރާލާ ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑަރ ޕްރޮފައިލަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަތްކޮށް، މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މައްޗަށް ކަމަށެވެ.
ކަސްޓަމްސްއަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ާގނޫނާ ގަވައިދާ ހިލާފު އަމަލުތަކަށް ޝައްކު ކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއަރ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ޤާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ އެފަރާތްތަކަށް ވާސިލްވުމަށްޓަކައި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ބުނެފައިވެ އެވެ.
މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައި ފާސްކޮށް، އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށާއި އޮޕަރޭޝަންތަކުގައި ފާހަގަ ކުރެވޭ، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ބޭރު ކުރާ ފަރާތްތަކުގެ މައްސަލަތައް ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.