އެމެރިކާގެ ސްޓޭޓްއެއް ކަމަށްވާ ނޯތް ކެރޮލިނާގެ އެކުއޭރިއަމްގައި ގެންގުޅުނު އާދާޔާޚިލާފަށް ބަލިވެެއިން މަޑި "ޗާލޮޓް" މަރުވެެއްޖެ އެވެ.

މި މަޑި މަރުވިކަން މަޑި ގެންގުޅޭ އެކުއޭރިއަމްއިން އިއުލާންކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ޗާލޮޓްއަކީ އެކަނި އެކުއޭރިއަމް ތެރޭގައި އޮންނަ މަޑިއެކެވެ. މި ވައްތަރުގެ މަޑި ދަރިމައިވުމަށް ފިރިހެން މަޑިއެއް ބޭނުންވާނެ އެވެ. ނަމަވެސް ޗާލޮޓް ބަލިވެއިނީ އެކަނި އެކުއޭރިއަމްގައި ދިރިއުޅޭތާ 8 އަހަރުވީ ފަހުންނެވެ. އެހެންކަމުން އޭތި ބަލިވެއިނުންވީ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ.

މިކަން ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ދުނިޔޭގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ. އަދި މި މަޑި ބަލިވެެއިނީ އަމިއްލައަށް ޕެތޮނޯޖެނެސިސް މެދުވެރިކޮށް ކަމަށް ޓެސްޓުތަކުން ވަނީ ކަށަވަރުކޮށްފަ އެވެ.

ނަމަވެސް، މެއި މަހުގެ ފަހު ކޮޅު ޗާލޮޓްއަށް އާންމުކޮށް ނުޖެހޭ ރިޕްރޮޑަކްޓިވް ބައްޔެއް ޖެހިފައިވާކަމަށް އެކުއޭރިއަމް ހިންގާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެ އެއްޗަށް ފަރުވާ ދިނުމަށް އޭތި އޮންނަ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

ޗާލޮޓްގެ މަރުގެ ހިތާމައިގައި މުޅި އެކުއޭރިއަމް ވަނީ ދެ ދުވަހަށް ބަންދުކޮށްފަ އެވެ.