ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ، ވިއްކާ ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ ރޭ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުންނަ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދާ ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ބަންގްލާދޭޝް ދެ މީހުންނެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތް ކޮށް، ސައްހަ ނޫން ލިޔެކިޔުން ބޭނުން ކޮށްގެން ފައިސާ، ރާއްޖެއިން ބޭރުކުރާ މައްސަލާގައި މިދިޔަ މާޗް މަހު ބަންގްލަދޭޝް ހަ މީހަކު ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ކަމުގެ ޝަކުވާ އަދި ކަންބޮޑުވުން އާއްމުން ފާޅުކުރަމުންދާ ކަމަށް ވެސް، އިމިގްރޭޝަނުން ބުންޏެވެ. އެހެންވެ، މި ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައި ގިނަ ބަޔަކު ފުރުވާލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.