ވޭތުވެދިޔަ އަށް މަސް ތެރޭ އެކި ކުށްތަކުގައި އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ ބިދޭސީ ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 2،069 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އަދި، އެ މުއްދަތުގެ ތެރޭގައި 152 ރެއިޑް އޮޕަރޭޝަނެއް އިމިގްރޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު މައުލޫމާތު ދެއްވަނީ... ފޮޓޯ: އިމިގްރޭޝަން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވޭތުވެދިޔަ އަށް މަސް ތެރޭ އިމިގްރޭޝަނުން އެކި ކުށްތަކުގައި އަތުލައިގަނެ ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ އަދަދުތައް ވެސް ވަނީ ހާމަކޮށްފަ އެވެ. އެ ގޮތުން:

  1. ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ބޭރުގެ ފައިސާ މުއާމަލާތް ކުރަމުން ދިޔަ އަށް ބިދޭސީން
  2. ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 65 ބިދޭސީން
  3. ޑްރަގް އަދި ގޭންގް މާރާމާރީތަކުގައި ހިމެނޭ 141 ބިދޭސީން
  4. އިމިގްރޭޝަނުން ބަލަމުންދާ އެކި މައްސަލަތަކުގައި ހޯދާ މީހުންގެ ތެރެއިން 15 ބިދޭސީން
  5. ވިސާ ނުވަތަ ލިޔެކިޔުމަށް ބަދަލު ގެނެސްގެން ނުވަ ބިދޭސީން

މީގެ އިތުރުން ޝަމްއާން ވިދާޅުވީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 42 ރެއިޑްކޮށް، 118 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން އިސްނަގައިގެން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ބިދޭސީން ލީގަލައިޒްވުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.