ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށްވުރެ އިތުރުވާ 1026 ކުންފުނީގެ މައުލޫމާތު ހާމަކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ އިއުލާނެއްގައި ބުނީ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން ފީތައް ނުދައްކާ އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ވަރަށް މަޝްހޫރު، ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ.

މި ލިސްޓުގައިވާ ގޮތުން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަންޖެހޭ ފަރާތުގެ ޖޫރިމަނާ ވެސް 26.8 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރަ އެވެ. މީގެ ތެރޭގައި ވޯކް ޕާމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާއި، ކޯޓާ ފީގެ ގޮތުގައި ދައްކަންޖެހޭ ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމެނެ އެވެ.

ހޯމް މިނިސްޓްރީން ވަނީ މި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރުމަށް އަންގަވާފަ އެވެ. މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އާ ހުއްދަ ދިނުން ހުއްޓާލެވޭނެކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަންނަން ރެއިޑް އޮޕަރޭޝަން ހިންގުމާއި އެ ގޮތަށް އަތުލައިގަންނަ މީހުން ޑީޕޯޓްކުރުން ހިމެނެ އެވެ. މި ސަރުކާރު އައި ފަހުން މިހާތަނަށް އެކަނިވެސް 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލައިފަ އެވެ.

އިމިގްރޭޝަނުން މިހާރު ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ކޮންމެ ވަގުތަކު ކޮންމެ މީހަކަށް ވެސް އެ އިދާރާ އަށް ހުށަހެޅޭނެ ހާއްސަ ޕޯޓަލެއް ވެސް ގާއިމްކޮށްފަ އެވެ.