އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އަންނަ މަހު ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާއިރު، މިސަރުކާރުގެ އިސްވެރިންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފާޑުކިއުމާ ގުޅިގެން ދެ ގައުމުގެ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އަދި އެ މައްސަލަ ހައްލުކުރަން ފަހުން ރާއްޖެއިން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ.
އިންޑިއާގެ ވިއޯން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޖައިޝަންކަރު ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުގައި ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު މަޝްވަރާތައް ކުރައްވާނެ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް، މި ދަތުރާ ގުޅޭގޮތުން އިންޑިއާ އަދި ދިވެހި ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން އިންޑިއާގެ އިސް ފަރާތެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު އެވެ.
އިންޑިއާގެ އިސް އޮފިޝަލަކު ރާއްޖެއަށް މި ވަޑައިގަންނަވަނީ މިއަހަރު އިންޑިއާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ އަދަދު މުރާޖާކޮށް އެ އަދަދު ކުޑަކުރަން ބަޖެޓްގައި ހިމަނާފައިވަނިކޮށެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ފޮރިން މިނިސްޓަރު ޒަމީރު މޭ މަހު އިންޑިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގަތެވެ. އޭގެ ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒުވެސް އެ ގައުމަށް ވަޑައިގެންނެވި އެވެ.
އިންޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިވަގުތު ހުންނެވީ އިންޑިއާގަ އެވެ.