ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅެމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ފަށައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލްގެ ފިސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންކަމާއި އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ކަންކަމާ ގުޅޭ ގޮތުން މި މަޝްރޫއުގެ މުހިންމު ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއާ ގުޅޭ ޗައިނާގެ ޓެކްނިކަލް ޓީމެއް މިހާރު ވަނީ ރާއްޖެ އައިސް، މަސައްކަތް ފަށައިފަ އެވެ.
ވިލިމާލެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާ ހަވާލުކޮށްފައި ވަނީ މިދިޔަ މެއި މަހު އެވެ.
މި މަސައްކަތަކީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހިލޭ ކޮށްދޭ ކަމެއްގެ ގޮތުގައި ކޮށްދިނުމަށް ޗައިނާ އިން އެއްބަސްވެފައިވާ މަޝްރޫ އެވެ. މި މަސައްކަތުގެ ތެރެއިން ފީސިބަލް ސްޓަޑީއަކާއި ޑިޒައިން މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ވިލިމާލޭގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަކީ ޗައިނާއިން ރާއްޖެއަށް ދޭން ނިންމާފައިވާ 920 މިލިއަން ޗައިނީސް ޔުއާން (130 މިލިއަން ޑޮލަރު) އިން ހަރަދުކޮށްގެން އަޅަން ނިންމާފައިވާ ހޮސްޕިޓަލެކެވެ.
އެ ހޮސްޕިޓަލް ވެގެން ދާނީ ވިލިމާލޭގެ ރައްޔިތުންނަށް މާލެ ނުގޮސް ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބިގެންދާނެ ހޮސްޕިޓަލަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްގީ ކުރަނީ ގިނަ ހިދުމަތްތަކެއް ވެސް ލިބޭ ގޮތަށެވެ.
ވިލިމާލޭގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ބޭނުންކުރަނީ އެމަޖެންސީ ފަސް އެނދެ އެވެ. އަދި ހޮސްޕިޓަލުގައި ހުރީ ބަލި މީހުން ބަލާ ތިން ކޮޓަރިއެވެ. ބައެއް އާއްމު ހާލަތްތަކުގައި މިހާރު ވެސް ފަރުވާއށް އަންނަޖެހެނީ މާލެ އެވެ.