ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރުމަކީ މި ސަރުކާރުގެ ވަޒީރަކު މި ސަރުކާރުގެ މެމްބަރުންގެ ހުށަހެޅުމަކަށް މަގާމުން ދުރުކުރި ފުރަތަމަ ފަހަރެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހް ވަކިކުރަން ނެގި ވޯޓު 59 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސް ވިޔަސް، ސުޕްރީމް ކޯޓުން ބުނާގޮތުން މަލީހް އަދި މަގާމުން ވަކިވެފައެއް ނުވެ އެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން 22 މެއި 2017 ގައި ނިންމާފައިވާ ދުސްތޫރީ މައްސަލާގެ ހުކުމުގައިވަނީ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓަކުން ބޭފުޅަކު މަގާމުން ދުރު ކުރިޔަސް، އެ ނިންމުން ތަންފީޒު ވާނީ ސުޕްރީމް ކޯޓުން ފަހު ބަސް ބުނުމުންނެވެ. މަގާމުން ދުރުކުރަން މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ވިޔަސް، އެ ނިންމުން ސައްހަވާނީ ސުޕްރީމް ކޯޓުން އެކަމާ މެދު ގޮތެއް ނިންމުމުން ކަމަށް އެ ހުކުމުގައިވެ އެވެ. އެއީ ރައީސާއި ނައިބު ރައީސްގެ އިތުރުން ވަޒީރުން ވެސް ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމެވެ.
އެ ހުކުމުގައިވަނީ " ގާނޫނު އަސާސީގެ ބުނެވިދިޔަ މާއްދާތަކުގެ ދަށުން ރައްޔިތުން މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގެ ސައްހަކަން ބިނާވެގެން ދާނީ އެ ނިންމުމަކާ މެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް ފަހުގައި ކަމަށާއި، މިއަދު މީލާދީ ސަނަދުން 2017 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހުރިހާ ހާލަތެއްގައި ވެސް އަދި ހުރިހާ ބޭނުމަކަށްޓަކައި ވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ބާރު ހިނގާ ސަރަހައްދުތަކުގައި އަމަލު ކުރަންވާނީ މި ގަޒިއްޔާގައި ކަނޑައެޅި ބަޔާންވެގެން އަހްކާމްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ މައްޗަށާއި ގާނޫނު އަސާސީގެ 144 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ ނ. ގެ މައްޗަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ މުއައްސަސާތަކަށާއި ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށް، އަމުރުކޮށްފީމެވެ." މިފަދައިންނެވެ.
އެ ނިންމުމަކީ މިހާރު ވެސް ދެމިއޮތް ހުކުމެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުވިޔަސް، އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލެއް ނުކުރެ އެވެ. އަދި އެ ނިންމުމަކީ އަމަލު ކުރަން ނުޖެހޭނެ ނިންމުމެއް ކަމަކަށް އެ ކޯޓުން ކަނޑައަޅާފައެއް ނުވެ އެވެ. އެ ނިންމުމަށް ތަބާވާން ގާނޫނީ ގޮތުން މަޖިލީހަށް ވެސް ލާޒިމެވެ.
ސިޔާސީ ގޮތުން މަޖިލީހަށް ވަޒީރުން ވަކި ނުކުރެވޭނެ
އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން މަލީހު ދިފާއުގައި މަޖިލީހުގައި ދެއްކެވި ވާހަކަތަކުގެ ރައްދުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހަކީ ޝަރީއަތް ކުރާ ތަނެއް ނޫން ކަމަށާއި މަޖިލީހަށް އޭނާއާ މެދު އިތުބާރު ގެއްލުމުން އިތުބާރު ގެއްލުނީ ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ މިދެންނެވި ހުކުމް އޮތީ އެހެނެއް ނޫނެވެ. ރައީސް އައްޔަންކުރައްވާ ވަޒީރުންތަކެއް ހިތުހުރި ގޮތަކަށް ނަގައި، އެއްލާލުމުގެ ބާރު މަޖިލީހަށް ނޯންނާނެ އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވަޒީރުން މަގާމުން ދުރު ކުރުމަކީ ރިޔާސީ ނިޒާމުގެ އުސޫލުތަކާ ޚިލާފް ކަމެކެވެ. އަދި މަޖިލީހަށް ވަޒީރަކު މަގާމުން ވަކި ކުރެވޭނީ އިމްޕީޗްމަންޓަކުން ކަމަށާއި މަޖިލީހަށް އިތުބާރު ނެތް ކަމަށް ބުނެ ނަގާ ވޯޓުތަކުން ވަޒީރުން މަގާމުން ދުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
"ވަޒީރުންގެ މަޖިލީހުގެ މެމްބަރަކާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ގޮތުން ޖަވާބުދާރީ ކުރުވައި، އެ ވަޒީރެއްގެ މައްޗަށް އިސްތިޖްވާބީ އިޖްރައާތުގެ މަތިން އިތުބާރު ނެތްކަމަށް ކަނޑައަޅައި، މަގާމުން ދުރު ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި އެކަން އޮތްގޮތް ނޫންކަން އެނގޭ.." ހުކުމުގައި އިތުރަށް ބުނެފައިވެ އެވެ.
މި ހުކުމަކީ އެމްޑީޕީގެ މެމްބަރުން ހިތްހަމަނުޖެހޭ ހުކުމަކަށް ވެދާނެ އެވެ. އެކަމަކު މި ހުކުމް އަދިވެސް ދެމި އޮތުމުން މަލީހް އަދިވެސް މަގާމުން ވަކިނުވާ ކަމަށް ގާނޫނީ ގޮތުން ސާފުބަހުން ބުނެވެން އެބައޮތެވެ. އެ ހުކުމަށް ބަޔަކު ނުރުހުމަކީ އެ ހުކުމަށް އަމަލު ނުކުރަން ދެއްކޭނެ ގާނޫނީ ހުއްޖަތެއް ނޫނެވެ. އަދި ކުރިން އިތުބާރު ނެތްކަމުގެ ވޯޓުތަކުން މަގާމުން ވަކި ކުރި ބޭފުޅުންގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން އެއްޗެއް ނުބުނެ، ހަނު ތިބުމަކީ އެ ހުކުމަށް އަމަލު ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ކަމަށް ބުނެވޭނެ ސަބަބެއް ވެސް ނޫނެވެ. އެ ހުކުމުގެ އުސޫލުތައް ގޯސް ކަމަށް ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު، ސުޕްރީމް ކޯޓުން ބުނާގޮތުން މަލީހަކީ އަދިވެސް ވަޒީރެކެވެ.
ސްުޕްރީމްކޯޓުން ނިންމަންޖެހޭ ކަންކަން ގާނޫނުގަ ހުންނާނެ ބުނެފަ. އެނޫންކަންކަން ސުޕްރީމްކޯޓުން ނިންމާކަށް ނުޖެހޭ. ސުޕްރިމްކޯޓަށްވެސް ވަކި އިހުތިސާސްއެއްއޮވޭ. އެނޫންގޮތްގޮތަށް ނިންމާނަމަ މިރާއްޖޭހުރި ހުރިހާ ރިސޯޓެއްގެ އޯނަރުންގެ އޯނަރޝިޕްވެސް ނިމޭނީ ކޯޓުން ނިންމީމަ.