މީހުން ދިރިނޫޅޭ ވަރަށް ބާވެ ވީރާނާވެފައިވާ ގެއެއްގައި މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ދިޔަ ތަކެތީގެ ފޮޓޯ އިމިގްރޭޝަނުން އާއްމުކޮށްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަންގާރަ ދުވަހު އިމިގްރޭޝަން ވޮޗްއަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން ކުރިއަށްގެންދިޔަ ރެއިޑްގައި ގިނަ އަދަދަކަށް އާއްމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާ ކަމަށެވެ. އަދި އާއްމުންގެ ގިނަބަޔަކު މިގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކާބޯތަކެތީގެ ތަފްސީލު ހާމަކުރުމަށް އެދެމުންދިޔުމާ ގުޅިގެން އެ ތަފްސީލު އިމިގްރޭޝަނުން ވަނީ އާއްމުކޮށްފަ އެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެނިގެންދަނީ އާއްމުކޮށް ފިހާރަތަކުގައި ވިއްކަން ހުންނަ ތެލުލި ފަތާއި، ހަނާކުރި ފޯއް، ކުދި ގުޅަ، ހެލެބެނލި ހުތް އަދި އަތުޖެހި އެވެ.

މިތަކެތި ތައްޔާރުކުރަމުންދިޔައީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންނަށްވާއިރު، މިބާވަތްތައް ތައްޔާރުކުރަމުންދިޔައީ ދިރިނޫޅެވޭވަރަށް ބާވެ ވީރާނާވެފައިވާ ގެއެއްގައި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މިމައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ތިން ބިދޭސީން ގެންގޮސްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ހާއްސަ އޯޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލާ ޑީޕޯޓު ކުރަމުން ދާއިރު، މިހާތަނަށް 2،000އަށް ވުރެ ގިނަ ބިދޭސިން ވަނީ ރާއްޖެއިން ފޮނުވާލައިފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެފަދަ މައްސަލަތައް "އިމިގްރޭޝަން ވޮޗު" އެޕް މެދުވެރިކޮށް ރިޕޯޓު ކުރަމުން ގެންދިޔުމަށް އިލްތިމާސްކޮށްފަ އެވެ.