ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާ ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައިކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާއި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް ދެއްވާކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ވިއްސާރައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާދަމާ ސުކޫލުތައް ވެސް ބަންދުކުރަން ނިންމާފަ އެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވެރިރަށް މާލެ އާއި ވަރަށް ގިނަ ރަށްރަށުގައި ދަނީ ފެންބޮޑުވެ އެތައް ގެޔަކަށް ފެންވަދެ ގެއްލުންތަކެއް ލިބެމުންނެވެ.