ބީއެމްއެލްއިން އިއްޔެ ކުރީ މާލީ ބަޣާވާތެއްކަމަށާއި އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާދޭން ޖެހޭކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ސަރުކާރު ހިންގާ ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތައް އަޑީގައި ތިބެގެން ބީއެމްއިލްއިން އިއްޔެ ކުރަން އުޅުނީ މާލީ ބަޣާވާތެއްކަމަށެވެ.
"އިއްޔެ އިރުއެރި އިރު މިއޮތީ މާލީ ބަޣާވާތެއް މި ގައުމަށް ގެންނަން މި މީހުން އަޑީގައިތިބެގެން މަސައްކަތްކޮށްފަ. ގައުމީ ބޭންކުން ރައްޔިތުންގެ ކަރުގަ ހިފަން ނިންމިއިރު އެމްޑީޕީގެ ބޭފުޅުން ތިއްބެވީ ޕްރެސް ކޮންފަރެންސްގައި އެވާހަކަ ދައްކަވަން. މީ އިއްތިފާގެެއްނޫން،"
ޝިޔާމް ވިދާޅުވީ އެއީ އިންތިޒާމުކުރެވިގެން ރޭވިގެން ހިންގަންއުޅުނު ބަޣާވާތެއް ކަމަށެވެ. ނަމަވެސް އެބޭފުޅުންނަށް ރައީސްގެ ހިކުމަތްތެރިކަން އެނގިވަޑައިނެގެންނެވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެގެ ބަޣާވާތުން ދިވެހި ގައުމާ ރައްޔިތުން ސަލާމަތްކުރައްވަން ރައީސް ކުރެއްވި މަސައްކަތް ދެކެވަޑައިގެންނެވިކަމަށާއި ރައްޔިތުންނާއި ދިވެހި ގައުމަށް ދެރަވާނެ އެއްވެސް ކަމެއް ރައީސް ނުކުރައްވާނެކަން ސާބިތުކޮށްދެެއްވައިފިކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް މިފަދައިން ވިދާޅުވިއިރު، ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އަޒާން ވިދާޅުވީ ޑޮލަރު މުއާމަލާތްތައް ވަގުތީގޮތުން މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށެވެ، ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އަޒާން ވަނީ ވިދާޅުވެފަ އެވެ.
ބޭންކަށް ޑޮލަރު ނުދޭނަމަ މަހުޖަނުންނައް ޑޮލަރުން ވިޔަފާރި ކުރަން ދީފަ އޮތް ލައިސަންސް ކެންސަލް ކުރޭ. ދައުލަތައް ބޭނުންވާ ޑޮލަރު ސަޕްލައި ކޮށްދިނުން ޝަރުޠު ކޮށްފަ އެމީހުންނައް ލައިސަންސް ދީފަ އޮންނަނީ.