ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމި ނިންމުމުން ބަދަލުކުރީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ހުސައިން އަފީފްގެ އެހީތެރިކަމާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުމަކީ އެމަނިކުފާނުގެ އިރުޝާދާ ހިލާފަށް ނިންމި ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބީއެމްއެލް އިން އެ ނިންމުން ނިންމުމުން އެކަން ބަދަލުކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އުއްޗުއާއި އަފީފް އެބޭފުޅުން ރެޕްރެޒެންޓްކުރާ ބީއެމްއެލްގެ ޑިރެކްޓަރުންނާ ވާހަކަދައްކައިގެން އެ ނިންމުން ބަދަލުކުރުވީ ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަމަވެސް ޕްރައިވެޓް ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ހުސެއިން އަފީފް ވަރަށް އެހީތެރިކަން ދެއްވި. ދެއްވައިގެން އެ ބޭފުޅުންނާ ރިޕްރެޒެންޓުވާ ޑިރެކްޓަރުންނާ ވާހަކަ ދައްކައިގެން އެ ބޭފުޅުންގެ ސަޕޯޓާއި އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ސަޕޯޓާ އެކީގައި ދެން އެ ކުރެވުނު މަސައްކަތުން އިއްޔެ އަޅުގަނޑުމެން ކެބިނެޓުން ހެނދުނުން ފެށިގެން ކުރި މަސައްކަތުން ހަވީރު އެ ނިންމުން [ބީއެމްއެލްގެ ނިންމުން] ބާތިލް ކުރެވުނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަން ކުރާ ދެ ޑިރެކްޓަރުންގެ ނަން ފޮނުވާފައި ވިޔަސް އަދި އައްޔަން ނުކުރެވޭ ކަމަށާއި އެކަމަށް ދެ ހަފްތާވަރު ނަގާނެ ކަމަށެވެ. އެހެންކަމުން ބީއެމްއެލްގައި ސަރުކާރުގެ މެޖޯރިޓީ ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.