ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން ވޯޓު ހޯއްދެވުމަށް ދެއްކެވި ވާހަކައާ މިހާރު ދައްކާ ވާހަކަ ދިމާނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި އޯޑިއަންސްގައި އިންނަވައިގެން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައްޔިތުންނަށް ވައުދުތަކުގެ ފުންޏެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމުން އެ ވައުދުތަކުގެ ހަނދާން ނެތިއްޖެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ދޮގުން ރެކެން ވެސް ދޮގު ހެދުން އިސްކުރަމުން ކަމަށާއި ރައްޔިތުންގެ އިތުބާރު ބޭނުން ނަމަ ވެރިންގެ ބަހާ އަމަލާ ދިމާވާން ވާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
" ދޮގު ހަދަންވެސް ދޮގު، ދޮގުން ސަލާމަތްވާންވެސް ދޮގު،" އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން މި ފަހަކަށް އައިސް ގައުމުގެ ހާލަތާ އަދި ސަރުކާރުން ކުރަމުން ގެންދާ އެކި އެކި ނޭދެވޭ ކަންކަމުގެ ދިފާއުގައި ރައީސް މުއިއްޒު އިތުރުފުޅު ހައްދަވަމުން ގެންދާވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި ސަރުކާރުގައި ތެދަށް ވުރެ ދޮގު އިތުރު ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ރައްޔިތުން ކުރިމަތީގައި ރައީސް މުއިއްޒު ގެންދަވަނީ އެކި ކަންކަމުގައި ތަކުރާރުކޮށް އިތުރުފުޅު ހައްދަވަމުން ކަމަށާ އެގޮތުން ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރައީސް މުއިއްޒު، އަބަދުވެސް ރައީސް ޔާމީނަށް އިހުސާންތެރިވާނެ ކަމަށާއި އެމަނިކުފާނަށް އަނިޔާވެރި ނުވާނެކަމަށް ވިދާޅުވުމަކީ ވެސް އިތުރުފުޅެއްކަމަށް ރައީސް ޔާމީން ސިފަކުރެއްވި އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރެއް އައިސްފިނަމަ ރައީސް ޔާމީން ވަގުތުން މިނިވަންކޮށް ސިޔާސީ މަސައްކަތްކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައްޔިތުންނަށް ވައުދުވި ނަމަވެސް، މި ސަރުކާރު އައި ފަހުންވެސް ރައީސް ޔާމީނަށް ދަތިކުރުމުގެ ފިޔަވަޅު ކަރެންޝަންސް މެދުވެރިކޮށް އެޅުއްވިކަން ފާހަގަކުރެއްވި އެވެ.
އެމަނިކުފާނާ މެދު އިހްސާންތެރި ނުވާކަން ފެންނަ އެއް ކަމަކީ މަޖިލީހުގެ ބިއުރޯގެ ޗީފު، އަހުމަދު ނިހާންގެ މައްސަލަ އަނބުރާ ގެންދިޔައިރު، އެމަނިކުފާނުގެ މައްޗަށް އަނެއްކާވެސް ޝަރީއަތްތައް ހިންގަން ފެށުންކަމަށް ޔާމީން ވިދާޅުވި އެވެ.