ގާނޫނަށް ބެލުމެއް ނެތި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފި އެވެ.
އެމްޑީޕީން މިހެން ބުނީ މީހަކު ރަހީނުކޮށް ކަރުގައި ވަޅިޖައްސާ ބިރުދެއްކުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އާދަމް އަތުހަރު ބަންދުގައި ހުއްޓާ މަރުވުމާއި ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.
އެމްޑީޕީން ބުނީ އަންހެނަކު ކިޑްނެޕް ކުރުމުން އޭނާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތް ފާހަގަކުރާ ކަމަށާ ނަމަވެސް އެ ހާލަތުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތެއްގައި އަމަލުކުރުމަށް ފުލުހުންގެ ތެރޭގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް ކަމުގެ ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި މިފަދަ ކަންކަން ތަހުގީގުކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަން ތަހުގީގު ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށާ އެއީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް އަސަރުކުރާ ކަމެއް ކަމަށެވެ.
އެހެންކަމުން އެއީ ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުމަށް ފުލުހުންނަށް ދެވޭ ހިތްވަރެއް ކަމުގައި އެޕާޓީން ބުނެފައިވެ އެވެ.
ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު ޖިސްމާނީ އަނިޔާއަށް ފަރުވާ ފުރިހަމަވުމުގެ ކުރިން އޭނާ އަލުން އަނބުރާ ފުލުހުންގެ ބަންދަށް ގެންގޮސް ދޫނިދޫގައި ބަންދުކުރީ ހަދަން ޖެހޭ އެސެސްމަންޓުތައް ފުރިހަމަކޮށްފައިތޯ ތަހުގީގުން ކަށަވަރު ކުރުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ނޫސްވެރިންނާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ފެށި ހިސާބުން އޭނާއާ ހަމައަށް ފުލުހުންނަށް ދެވިފައިވަނީ 28 މިނެޓުން ކަމަށާ ފުލުހުންގެ ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ފުލުހުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު އަތުހަރު ފަދަ ބޮޑު އަނިޔާއެއް ލިބިފައި ހުރި މީހަކު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް އެ މައުލޫމާތުތަކަށް ބަލައި އެ ޕާޓީން ގަބޫލު ކުރާ ކަމަށް ވެސް ބުންޏެވެ.
އެމްޑީޕީން ބުނީ މިފަދަ މައްސަލަތަކުގައި ފުލުހުން އާންމުންނަށް މައުލޫމާތު ހިއްސާކުރަން ޖެހޭއިރު، މި މައްސަލައިގައި އަބަދުވެސް ފެންނަނީ ހޯމްލޭންޑް މިނިސްޓްރީން މައުލޫމާތު ހިއްސާކުރާތަންކަމަށެވެ. ފުލުހުންގެ ގާނޫނުގައި އެ ހިދުމަތް ހިންގާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ގާނޫނަށް ބެލުމެއް ނެތި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށް ބަޔާނުގައިވެ އެވެ.
ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އަމަލު ކުރުމަކީ ގާނޫނަށްވުރެ މަތީގައި ފުލުހުން ހަރަކާތްތެރިވުމުގެ ސަގާފަތެއް އިއާދަކުރެވުމުގެ ފުރުސަތު ފަހިވާ ކަމެއް ކަމަށާ މިގޮތަށް އަމަލުކުރުމުގެ ބަދަލުގައި ފުލުހުންގެ ހިދުމަތް އިތުރަށް ޒަމާނީ އަދި ޕްރޮފެޝަނަލް ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އިލްތިމާސް ކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެހެންކަމުން އަތުހަރުގެ މަރުގެ މައްސަލައިގައި ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށާއި އަދި މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް އެ ޕާޓީން ގޮވާލާފައިވެ އެވެ.
އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅިޖައްސާ ބިރުދެއްކުމުގެ ސަބަބުން، އެ އަންހެންމީހާ ސަލާމަތްކުރުމަށް ފުލުހުންވަނީ އަތުހަރުގެ ބޮލުގައި މުގުރުން ޖަހާ އޭނާ ހުއްޓުވާފަ އެވެ. އެރޭ ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު ދޫނިދޫ ޖަލަށް ގެންގޮސްފައިހުއްޓާ އޭނާ ދަންޖެހި މަރުވާން މަސައްކަތް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ އެވެ. އޭގެފަހުން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް އަތުހަރު ހޯމަ ދުވަހު ހަވީރު އެވެ.